ފަލަސްތީނު މައްސަލައިގާ ތުރުކީން ގެންގުޅޭ ސިޔާސަތަށް ރާއްޖެ ތާއީދު

ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ހާއްސަ ވަފުދު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

 

މި ވަފުދުގައި ތުރުކީ-ރާއްޖެ އިންޓަރޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުން ވެސް ހިމެނިވަޑައިގަންނަވާއިރު، ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

 

މި ބައްދަލުކުރެއްވުމުގައި އިންޓަރޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕަށް މަރުހަބާ ދަންނަވައި، ރާއްޖޭގެ ސަރުކާރު އެކި އިދާރާތަކާ ގުޅިގެން މަސައްކަތްކުރެއްވުމަށް ވަނީ ދައުވަތު ދެއްވާފައެވެ. އަދި އިންޓަރޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގައި ގިނަ ޕާޓީތައް ތަމްސީލުވާތީ އެކަމާ އުފާފުޅު ކުރައްވާކަން ހާމަކުރެއްވިއެވެ.

 

މީގެއިތުރުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރައީސް ވަނީ ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި ފަލަސްތީނުގެ މައްސަލައިގައި ތުރުކީވިލާތުން ގެންގުޅޭ ސިޔާސަތަށް ރާއްޖެއިން ތައުރީފުކުރައްވާކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.  ހަމަމިއާއެކު މި މައްސަލައިގައި ރާއްޖެއިން ވެސް އެފަދަ ހަރުދަނާ ސިޔާސަތެއް ގެންގުޅޭކަން ފާހަގަކުރެއްވިއެވެ.

 

ރައީސްގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ގައުމީ ފެންވަރުގައި ކުރެވޭ މުހިންމު މަސައްކަތްތަކުގެ ތަފްސީލަށް އަލިއަޅުއްވައިލައްވައި، އިގްތިސާދީ އިސްލާހީ މަސައްކަތްތަކާއި، ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކާ ކުރިމަތިލުމަށް ހިންގާ ޕްރޮގްރާމްތައް ވަނީ ހިއްސާކުރައްވާފައެވެ. އަދި އިއާދަކުރަނިވި ހަކަތައަށް ކުރެވޭ އިންވެސްޓްމަންޓާބެހޭ މައުލޫމާތު ވެސް ވަފުދާ ހިއްސާ ކުރެއްވިއެވެ.

 

ތުރުކީވިލާތުގެ ވަފުދުގެ ވާހަކަތަކުގައި މަތީ ތައުލީމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާފަދަ ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އިގްތިސާދީ ގުޅުންތައް ހަރުދަނާކޮށް، ވިޔަފާރީގެ ގުޅުންތައް ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

 

ރާއްޖެއަކީ އުޚުއްވަތްތެރި، މުސްލިމް ގައުމަކަށްވުމާއެކު ރާއްޖެއާއެކު ގާތްގުޅުންތައް ބޭއްވުމާއި ރާއްޖެއާއެކު މަސައްކަތް ކުރުމަކީ ފަޚުރެއްކަމުގައި ދެކެވަޑައިގަންނަވާކަން ވަފުދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

 

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ދުވަސްވީ ރަހުމަތްތެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

 


  • ތުރުކީ
  • ފަލަސްތީން
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް