ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާ ހުށަހަޅާނެ ނިޒާމެއް ހޯމް މިނިސްޓްރީން ގާއިމުކޮށްފިއެވެ.
"މައިގްރެންޓް ވޯކަރ ރިސޯސަސް ސެންޓަރ" ގެ ނަމުގައި ގާއިމުކުރި މި ސެންޓަރު ހުޅުވައިދެއްވީ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމާއި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައިއޯއެމް)ގެ ރީޖަނަލް ޑައިރެކްޓަރ އިޔޯރީ ކާޓޯއެވެ.
މި ސެންޓަރުގެ އިތުރުން އޮންލައިންކޮށް ޝަކުވާ ހުށަހެޅޭ ގޮތަށް "މައިގްރެންޓް ކަނެކްޓް" ގެ ނަމުގައި ފަރުމާކޮށްފައިވާ ޕޯޓަލް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރއެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ބިދޭސީއަކަށްވެސް ގާނޫނީ ރައްކާތެރިކަން ލިބި، އެ މީހުންގެ ހައްގުތައް ކަށަވަރުވާންޖެހޭއިރު، ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީންގެ ބޭނުން ނަހަމަގޮތުގައި ބައެއް ފަރާތްތަކުން ހިފަމުންދާކަމަށެވެ.
އެގޮތުން ގިނައިރު މަސައްކަތްކުރަންޖެހުމާއި ރައްކާތެރި ނޫން މާހައުލުތަކުގައި މަސައްކަތްކުރަން ޖެހުމާއި އާންމު މައުލޫމާތު ނުލިބުންފަދަ އެތައް ދަތިތަކާ ބިދޭސީން ކުރިމަތިލާކަން ފާހަގަކުރެއްވިއެވެ. އަދި ޕޯޓަލާއި ސެންޓަރުން ބިދޭސީންނަަށް ދިމާވަމުންދާ އެކިއެކި ދަތިތައް ހައްލުކޮށް، އެ މީހުންގެ ހައްގުތައް ކަށަވަރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވިދާޅުވިއެވެ.