އޮޕަރޭޝަން ހަމަމަގު: ހައްޔަރުކުރީ 83 ބިދޭސީން

އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ރެއިޑް އޮޕަރޭޝަންގައި 83 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

 

އިމިގްރޭޝަނުން ވިދާޅުވީ މި އޮޕަރޭޝަނުގައި ޖުމްލަ 678 ބިދޭސީންގެ ލިޔެކިޔުންތައް ބަލައި، އެމީހުން ރާއްޖޭގައި އުޅެނީ ގަވާއިދާ އެއްގޮތައްތޯ ބަލާފައިވާ ކަމަށެވެ. އަދި 83 މީހުން ގަވާއިދާ ހިލާފަށް އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

 

އެ މީހުން މިހާރު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މި އޮޕަރޭޝަނަށް ފަހު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ވަޒީފާ ދީގެން މަސައްކަތް ކުރުވާ 75 ފަރާތަކަށް ނޯޓިސް ދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

 

"އޮޕަރޭޝަން ހަމަމަގު" ގެ ނަމުގައި މިދިޔަ ބުދަ ދުވަހު ކުރިއަށްގެންދިޔަ މި ރެއިޑް އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް އައްޑޫ ސިޓީގައި އުޅޭ ބިދޭސީން ގާނޫނީ މަގަށް އެޅުވުމަށް ކުރި ހާއްސަ މަސައްކަތެކެވެ. އެސިޓީއަކީ އާބާދީ ބޮޑު، އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވަމުން އަންނަ ތަނެއްކަމުގައިވާތީ، މި ރެއިޑު އޮޕަރޭޝަން މިފަހަރު ކުރިއަށް ގެންދިޔައީ މުޅި އައްޑޫ ސިޓީއަށް އަމާޒުކޮށްގެންނެވެ.

 

ޓާސްކް ފޯސްއިން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މި ރެއިޑު އޮޕަރޭޝަންގައި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން އާއި އައްޑޫ އިމިގްރޭޝަން އޮފީހުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ހިމެނޭހެން ޖުމްލަ 35 އޮފިސަރުން ބައިވެރިވިއެވެ. އަދި އައްޑޫ ސިޓީ ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލް މެންބަރުން ވެސް މި އޮޕަރޭޝަންގައި ބައިވެރިވިއެވެ.

 

އިމިގްރޭޝަންގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި މިފަދަ އޮޕަރޭޝަންތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާކޮށް، ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި މަސައްކަތްކުރުމެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.

 


  • އިމިގްރޭޝަން
  • ބިދޭސީން
  • އައްޑޫ ސިޓީ
  • ކޮމެންޓް