ތައިލެންޑާއި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ދެގައުމުގެ ހާލަތު ވަރަށްގާތުން ބަލަމުން އަންނަކަމުގައި ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ވިދާޅުވީ ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް މަސައްކަތް ކުރަމުންއަންނަކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުނެއެވެ.
މީގެއިތުރުން މިޔަންމާގައި އެއްވެސް ދިވެހި ރައްޔިތަކު މިވަގުތު ހުރިތޯބެލުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
މި ކާރިސާއާ ގުޅިގެން ތައިލެންޑާއި މިޔަންމާ އިން ވަނީ ކުއްލި ހާލަތު އިއުލާނު ކޮށްފައިކަން ފާހަގަކޮށް މިނިސްޓްރީން ވަނީ އެ ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުން މިކަމާ ގުޅިގެން އަންގާ އެންގުންތަކަށް ސަމާލުވެ، އެއާއި އެއްގޮތަށް ޢަމަލު ކުރުމަށް، އެ ދެ ގައުމުގައި ތިބި ދިވެހި ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.
ތައިލެންޑްގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކު އެހީތެރިކަމެއްބޭނުންވާނަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރަށް ނުވަތަ މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅުމަށް ވަނީ އެދިފައެވެ. އަދި މިޔަންމާގައި މިވަގުތު އެއްވެސް ދިވެހި ރައްޔިތެއްވާނަމަ، އަދި އެމީހަކު ވެސް އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ގުޅުމަށް ވަނީ އެދިފައެވެ.
އެމްބަސީ ހޮޓްލައިން ނަންބަރު: 611766502 66+ މިނިސްޓްރީ ހޮޓްލައިން ނަންބަރު:9607983400+