ޚަބަރު ރާއްޖެ

މާލެ ސިޓީ ކައުންސިލުގެ ވަފުދެއް އޮސްޓްރިއާ އަަށް

މާލެ ސިޓީ ކައުންސިލްގެ ވަފުދެއް އޮސްޓްރިއާއަށް ފުރައިފިއެވެ.

 

މިއީ 14 ވަނަ މޭޔަރސް ފޯރަމް އޮފް ދަ ވޯލްޑް ސިޓީސް ސަމިޓްގައި ބައިވެރިވުމަށް ދިޔަ ވަފުދެކެވެ. މި ފޯރަމް ކުރިއަށްދާނީ އޮސްޓްރިއާގެ ވިއެނާގައި ޖުލައި 2 އިން 4 އަށެވެ.

 

މި ފޯރަމްގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވާ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އާއި ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަން އަދި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މުހައިމިން ނަސީރެވެ.

 

މި ސަމިޓްގެ ޝިއާރަކީ އަންނަން އޮތް ޖީލުތަކަށް ދިރިއުޅެން ފަސޭހަ ސިޓީއެއް ބިނާކުރުމަށްޓަކައި ލޯކަލް ގަވަރމަންޓް ލެވަލްގައި ކުރާ މަސައްކަތަށް ހެޔޮ ބަދަލުކުރުމަށް މަގުފަހުކުރުމެވެ. އަދި މި ދަތުރުގެ ސަބަބުން މާލެ ސިޓީ ކައުންސިލްގެ ހިންގުން ހަރުދަނާވެ، ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި ކަންކަން ކުރާގޮތް، ތަޖުރިބާ ލިބިގަތުމެވެ.

 

މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ބައިވެރިވުން މި ފަދަ ފޯރަމްތަކަށް މުހިންމު ކަމަށެވެ. އެގޮތުން ޕޮލިސީ ލެވަލްގައި އެކި ގައުމުތަކުގެ މޭޔަރުން ބައިވެރިވެގެން ނިންމާ މުހިންމު ނިންމުންތަކުން، މާލެ ސިޓީ އަށް އޭގެ ފައިދާ ކުރާނެ ކަމަށެވެ.

 

މީގެއިތުރުން ދުނިޔޭގެ އެކި ސިޓީތަކުގެ ވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި އެންމެ ރަނގަޅު އާދަތައް ހިއްސާކުރުމަށާއި ސިޓީތަކަށް ދިމާވެފައިވާ އާންމު ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭނުންތެރި މަސައްކަތެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ވިއެނާގެ ގުދުރަތީ މަންޒަރުތަކުގެ މިސްރާބާއި، މުއްސަނދި ސަގާފީ ތަރިކައަކީ މި މުހިންމު މަޝްވަރާތަކަށް ދިރުން ލިބިދޭނެ މާހައުލެއް ކަމަށެވެ.

 

މި ދަތުރުގެ ހަވާސާގައި ޗައިނާގެ ސޫޒާ ސިޓީގެ މޭޔަރ ވޫ ކިން ކުއެންއާ، ކައުންސިލްގެ ވަފުދު ބައްދަލުކުރުމަށް ވަނީ ނިންމާފައެވެ. ސޫޖޯ ސިޓީއާއެކު، މާލެ ސިޓީ ކައުންސިލުން ވަނީ 2016  ވަނަ އަހަރު ފެށިގެން ގުޅިގެން މަސައްކަތް ކުރުމަށް ސިސްޓަރ ސިޓީ އެއްބަސްވުމެއް ހަދާފައެވެ.

 

13 ވަނަ މޭޔަރސް ފޯރަމް އޮފް ދަ ވޯލްޑް ސިޓީސް ސަމިޓު އެންމެ ފަހުން ބޭއްވީ ސިންގަޕޫރްގައެވެ.

 


  • އާދަމް އާޒިމް
  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް