ވިލިމާލޭގައި ޕާކެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި މި ޕާކް ތަރައްގީކުރަނީ މާލެ ހިނގުމުގައި (މޯލްޑިވްސް އިސްލާމިކް ބޭންކާއި ވިނޯވާ ކެފޭއާ ދޭތެރޭ) އޮންނަ ހުސްބިމުގައެވެ.
ވެލްކަމް ޕާކުގައި މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ޕާކަށް ވަންނަ ދޮރާއި ސިޑި ތައްޔާރު ކުރުމާއި ވީލްޗެއަރގައި ފަސޭހައިން ވަދެ ނިކުމެވޭގޮތަށް ސްލޯޕް ލުމާއި، ވޯކްވޭ ހަދައި ކާރބް ސްޓޯން އެތުރުމުގެ މަސައްކަތެވެ. އަދި 50 އަށް ވުރެ ގިނަ ސައިމާ ގަހާއި، އެކި ކުލަކުލައިގެ މާގަހުން ޒީނަތްތެރި ކުރުމަށް ވަނީ ފަރުމާ ކުރެވިފައެވެ.
މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ ''ވިލިމާލެ އަކީ މާލެސިޓީގެ އިހުތިސާސްތެރޭގައި ހިމެނޭ ތިމާވެށްޓާއި އެންމެ ރައްޓެހި، ހިތް ފަސޭހަ އަވަށް ކަމަށެވެ. އެހެންކަމުން ވިލި މާލޭގައި ދިރިއުޅުއްވާ ރައްޔިތުން ހިތްހަމަޖެހުމާއި އުފަލާއެކު އުޅޭވޭނެ އަވަށަކަށް، އެ އަވަށް ހެއްދުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް ވެސް ވިދާޅުވިއެވެ.
މިޕާކަށް "ވެލްކަމް ޕާކު"ގެ ނަމުން ނަންދިނީ މިޕާކަކީ ވިލިމާލެއަށް އަރައިގެން އަންނައިރު، އެންމެ ފުރަތަމަ ފެންނަ ޕާކުކަމަށް ވެފައި، ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާއި ކުޑަކުދިންނާއި އާއިލާއާއިއެކު ޕިކްނިކް ފަދަ ކަންކަމު ޒިޔާރަތްކުރާ ފަރާތްތަކަށް އެންމެ ފުރަތަމަ މަރުހަބާ ކިޔާ ޕާކަށް ވާތީއެވެ. އަދި އެތައް ބަޔަކު ހިތްހަމަ ޖައްސާލައި، އަރާމުކޮށްލުމަށް އެންމެ ފުރަތަމަ ތައްޔާރު ކުރެވުނު ޕާކުކަމަށްވެސް ވާތީއެވެ.
މާލެ ސިޓީ ކައުންސިލުން ތަރައްގީކުރަމުން އަންނަ މި ޕާކުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ.
ކައުންސިލުން އަންނަނީ ވިލިމާލޭގައި އިތުރު މައިޒާނެއް ވެސް ތަރައްގީކުރަމުންނެވެ. މި މައިޒާން ތަރައްގީކުރަމުން އަންނަނީ، ވިލިމާލެ ފެރީޓަރރމިނަލް ކުރިމަތީގައެވެ. މީގެ ކުރިންވެސް ހަމަ އެސަރަހައްދުގައި ވަނީ ހިތްފަސޭހަ މައިޒާނެއް ތަރައްގީކޮށްފައެވެ.
ވިލިމާލޭގައި ހިތް ފަސޭހަ އިތުރު މައިޒާނެއް ތަރައްގީކުރުމުގެ މަސައްކަތް ކައުންސިލުން ފަށާފައިވާއިރު، ދާދި ފަހުން ކައުންސިލުން ވަނީ މުޅި ވިލިމާލެ ސާފުކުރުމުގެ މަސައްކަތް، ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ފަށާފައެވެ.