ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްލާމީ ދާއިރާގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެ، ކުންފުނިތަކާއެކު ސޮއިކޮށްފިއެވެ.
އިސްލާމީ މަރުކަޒު ހޯލުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ގުރްއާނާބެހޭ މަރުކަޒުގެ ދެ ގޮފި އިމާރާތްކުރުމަށާއި އިސްލާމީ މަރުކަޒެއް އިމާރާތްކުރުމަށާއި 11 މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
މި މަޝްރޫއުތަކުގެ ތެރޭގައި ފެނެކަ ކޯޕަރޭޝަނަށް 11 މަޝްރޫއު ހަވާލުކޮށްފައިވާއިރު، އެމްޓީސީސީއަށް 3 މަޝްރޫއު ވަނީ ހަވާލުކޮށްފައެވެ.
މިއީ ސަރުކާރުގެ ޚަރަދުގައި އަޅާ މިސްކިތްތަކެވެ. ޤުރުއާނާ ބެހޭ މަރުކަޒުތަކުގައި ތިން ކުލާސް ރޫމާއި ލައިބްރަރީ އަދި ހޯލު ހިމެނޭނެއެވެ. އަދި އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބަޔާއި ޖަލްސާކުރާ ހޯލާއި ލައިބްރަރީ، ކުލާސް ރޫމް ހިމެނޭނެއެވެ.
މިސްކިތްތައް ސޯލާ އާއި އޭސީ ހަރުކޮށް ވިނައިލް ފްލޯރިންގ އެޅުމަށް ނިންމާފައިވާއިރު، ޤުރުއާން ކިޔަވައިދޭ ކުލާހެއް މިސްކިތުގައި ހެދޭނެއެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުހައްމަދު ނަޖާހު ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓޑ) އަޙުމަދު ސައުދީއެވެ.
މި މަޝްރޫއުތަކުގެ ތެރެއިން އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ ލ. މާބައިދޫ ގުރުއާނާބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުމާއި ޅ. އޮޅުވެލިފުށީ ގުރުއާނާބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުމާއި ށ. ފޯކައިދޫ އިސްލާމީ މަރުކަޒު އިމާރާތްކުރުމާއި ތ. ހިރިލަންދޫއާއި ސ. ފޭދޫއާއި ނ. ހެނބަދޫއާއި ތ. ވޭމަންޑޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން ވެސް ހަވާލުކުރީ އެ ކުންފުންޏާއެވެ.
މީގެއިތުރުން ރ. އިނގުރައިދޫއާއި ހދ. ނެއްލައިދޫއާއި ބ. މާޅޮހުގައި ވެސް 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމަށް ހަވާލުކުރީ އެމްޓީސީސީ އާއެވެ. އަދި ށ. ނޫމަރާގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމަށް ވެސް ހަވާލުކުރިއެވެ.
މި މަޝްރޫއުތަކުގެ ތެރެއިން މާބައިދޫ، އޮޅުވެލިފުށި، ހިރިލަންދޫ، ފޭދޫ، ހެނބަދޫ، އިނގުރައިދޫ، ނެއްލައިދޫ އަދި ކުޑަރިކިލުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫތަކަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ފެނަކައަށް ހަވާލުކުރެވިފައިވާ މަޝްރޫތަކެކެވެ. އަދި ށ. ފޯކައިދޫގެ އިސްލާމީ މަރުކަޒަކީ 900 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ. ނޫމަރާ އަދި ވޭމަންޑޫ މިސްކިތަކީ 550 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ.