ފަރުތޮޅިއެއް ހަމަލާދިން ދިވެއްސަކަށް އިންޑިއާގައި ފަރުވާ ދެމުން އަންނަކަމަށް އެ ގައުމުގެ ނޫސްތަކުގައި ބުނެފިއެވެ.
'ދަ ހިންދޫ' ނޫހުގައި ބުނީ މިއީ ލަނޑާ ނަގަން އުޅެނިކޮށް، ފަރުތޮޅިއެއް ހަމަލާދިން މީހެއް ކަމަށެވެ. އަދި އެއީ އުމުރުން 32 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޭނާ އަށް ފަރުވާދެމުން އަންނަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ކަމަށާއި އޭނާގެ މައިބަދައަށް ވަރަށް ފުންކޮށް ފަރުތޮޅީގެ ތުންގަނޑު ހެރިފައިވާ ކަމަށް ވެސް އެ ނޫހުގައި ވަނީ ބުނެފައެވެ. އަދި ފަރުތޮޅީގެ ދަތްތައް މައިބަދައިގެ ތެރޭގައި ހަރުލާފައި ހުރުމުގެ ސަބަބުން އޮޕަރޭޝަންކޮށް ދަތުގެ 10 އެތިކޮޅު ނަގާފައި ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ ބުނެފައި ވެއެވެ.
މީގެއިތުރުން ފަރުތޮޅި އެމީހާގެ މައިބަދައަށް ހަމަލާދިނުމުގެ ސަބަބުން އެ މީހާ ވަނީ އައްސިވެފައި ކަމަށާއި އެހެންނަމަވެސް އޮޕަރޭޝަނަށްފަހު ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެއެވެ.
އެމީހާ އިންޑިއާ އަށް ގެންދިޔައީ ރާއްޖެއިން ފަރުވާ ދިނުމަށްފަހު، ރަނގަޅު ނުވެގެން ކަމަށް ވެސް އެ ނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ.