ސްކޫލުތަކުގެ އިސްވެރިންނާއި މުދައްރިސުންނަށް އަމާޒުކޮށްގެން ހާއްސަ ވޯކްޝޮޕެއް މިއަދު ފަށައިފިއެވެ.
އިމާދުއްދީން ސްކޫލުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވޯކްޝޮޕް ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދެވެ. މި ވޯކްޝޮޕް ގައި އެކި ސްކޫލްތަކުގެ 90 މުވައްޒަފުން ބައިވެރިވެއެވެ.
މި ވޯކްޝޮޕްގެ މައިގަނޑު ސެޝަންތައް ކުރިއަށް ގެންދަވަނީ ޔުނިވަރސިޓީ އޮފް މަލާޔާގެ ކްރިސްޓީނާ ޗިން އަދި ޕްރޮފެސަރ ޑރ. އޭން ޔީ އެވެ.
މި ވޯކްޝޮޕްގެ މައިގަނޑު މަގްސަދަކީ ދުންފަތުން އެއްކިބާވެފައިވާ މާޙައުލަކަށް ވަކާލާތުކުރުމާއި، ދަރިވަރުންނަށް ސިއްހަތަށް ފައިދާހުރި ނިންމުންތައް ނިންމުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރުތައް ފޯރުކޮށްދިނުމެވެ. މި ވޯކްޝޮޕްގައި ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ފުރިހަމަ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.
މީގެއިތުރުން ބައިވެރިންނަށް މުހިންމު މުވާސަލާތީ އަދި ވަކާލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދީ، ދުންފަތާއި ނިކޯޓިން އުފެއްދުންތަކުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތައް އުނގަންނައިދެވޭނެއެވެ. އަދި އިންޓަވެންޝަން ދިނުމުގެ މުހިންމުކަމާމެދު މަޝްވަރާކޮށް، ޒުވާނުންގެ މެދުގައި ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް ޢަމަލީގޮތުން ބޭނުންކުރެވޭނެ ވަސީލަތްތައް ތައާރަފުކޮށްދެވޭނެއެވެ.