ރާއްޖެ

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތު

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ސޯޝަލް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

 

އެ މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާ ގުޅިގެން މައުރަޒުގައި ބައިވެރިވާން ޝައުގުވެރިކަން ހުރި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަނެއް 13 މާރިޗު ވާ ބުރާސްފަތި ދުވަހުގެ ރޭ (މިރޭ) 9:30 ގައި އޮންނާނެކަމަށެވެ. އަދި މި ސެޝަން އޮންނާނީ އުމަރު ޒާހިރު އޮފީސް އިމާރާތުގެ 2 ވަނަ ފަންގިފިލާގައި ކަމަށް ވެސް ވިދާޅުވެއެވެ.

 

މި މައުރަޒުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓެގަރީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން އެފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ، އުމުރުން 18 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭނެކަމަށް ވަނީ ހާމަކުރައްވާފައެވެ.

 

މި މައުރަޒުގައި ބައިވެރިވުމަށް އެޕްލައި ކުރާނީ އީފާސް އެކައުންޓް ބޭނުންކޮށްގެންނެވެ.

 

މައުރަޒުގައި ހިމެނޭ ކެޓަގަރީތަކަކީ އަތްތެރި މަސައްކަތް، ދަނޑުވެރިކަން، މަސްވެރިކަން، ދަތުރުފަތުރު، އިމާރާތްކުރުން، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީއެވެ. އަދި އުފެއްދުންތެރި ކުރެހުމާއި ފަރުމާކުރުން (ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން)، ފެޝަން އެންޑް ޑިޒައިން ވެސް ހިމެނެއެވެ.

 

މީގެއިތުރުން ޖުވެލަރީ އެންޑް އެކްސަސަރީޒް، ހަކަތަ (އެނަރޖީ)، ކާބޯތަކެތި، މެޝިނަރީ އެންޑް އިކްއިޕްމަންޓްސް، ލަކުޑީގެ އުފެއްދުންތައް، ބަހުގެ އުފެއްދުންތައް އަދި އެހެނިހެން އުފެއްދުންތަކުގެ ކެޓަގަރީ ވެސް ވަނީ ހިމަނާފައެވެ.

 

https://one.gov.mv/services/67b310de-e5d0-f865-6659-0007bfc090e3

 


ކޮމެންޓް