ރާއްޖެ

ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އިތުރު ދެ ޕަމްޕް ސިޓީ ކައުންސިލުން ގެންނަނީ

ބޯކޮށް ވާރޭވެހޭ ދުވަސްވަރު މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، އިތުރު ގްލޯބަލް ދެ ޕަމްޕު ގެނައުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

 

މިކަންކުރުމަށް ނިންމީ މާރޗު 12 ވަނަ ދުވަހު ބޭއްވި ކައުންސިލުގެ 4 ވަނަ ދައުރުރުގެ 187 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

 

މި ޖަލްސާގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ އަލަށް ގެނައުމަށް ނިންމާފައިވާ ޕަމްޕުތައް ބޭނުން ކުރާނީ ހެންވޭރު ކޮޅުގައި ކަމަށެވެ. އަދި ހިތް ފަސޭހަ ސިޓީއެއްގެ ގޮތުގައި މާލެ ބޭއްވުމަކީ ކައުންސިލުން އެންމެ އިސްކަމެއްދީގެން ކުރަމުން އަންނަ އެއް މަސައްކަތް ކަމަށެވެ.

 

މީގެއިތުރުން އެ ކައުންސިލުން އެންމެ ފުރަތަމަ ގެނައި ދެ ޕަމްޕު މިހާރު ވަނީ އޮޕަރޭޓްކޮށް މެއިންޓެއިންސްގެ ކަންކަން ބެލެހެޓުމަށް، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އާ ހަވާލުކޮށްފައިކަން ފާހަގަކުރައްވާ އާޒިމް ވަނީ އެ ދެ ޕަމްޕު ބޮޑަށް ބޭނުން ކުރަމުން އަންނަނީ، މާލޭ ސިޓީގައި އެންމެ ބޮޑަށް ފެން ބޮޑުވާ، މާފަނު ކޮޅުގައި ކަމަށެވެ.

 

މޭޔަރު ވިދާޅުވީ މާލޭގައި ފެން ބޮޑުމުގެ މައްސަލަ ކުރިމަތިވަމުން އަންނަތާ 20 ނުވަތަ 30 އަހަރު ވެއްޖެކަަމަށާއި މިކަންހައްލު ނުވެ، މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، އެތަކެއް ރައްޔިތުންނަށް މިކަމުގެ ސަބަބުން ގެއްލުންލިބެމުންއަންނަކަމަށެވެ.

 

އެންމެ ފުރަތަމަ މާލެ ސިޓީ ކައުންސިލުން ގެނައި ދެ ޕަމްޕަކީ ވެސް، ކައުންސިލުގެ ޓެކްނިކަލް ޓީމަކުން ހާއްސަ ދިރާސާތަކެއް ހެދުމަށް ފަހު، ގެނައި ޕަމްޕުތަކެކެވެ. މިހާރު މާލޭގައި ފެން ހިންދުމަށް ބޭނުންކުރާ ޕަމްޕުތަކަށް ވުރެ 10 ގުނަ ބާރު މިނުގައި، މިއިން ކޮންމެ ޕަމްޕަކުން ވެސް ފެން ހިންދައެވެ.

 

އެ ކައުންސިލުން ފެންހިންދުމަށް މި އަހަރުގެ ކުރީ ކޮޅު ރާއްޖެ ގެނައި ދެ ޕަމްޕަކީ ފެންގަނޑު ތެރޭގައި ހުންނަ، ތިން އިންޗި ފުޅާމިނުގެ ސޮލިޑް، ހޮޅިތެރެއިން ބޭރު ކޮށްލެވޭ ޕަމްޕެއް ކަމަށާއި މި ޕަމްފުން މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރު ކޮށްލެވޭނެ ކަމަށް ވެސް، ޢާޒިމް ވިދާޅުވިއެވެ. އަދި މީގެކުރިން މާލޭގައި ފެންހިންދުމަށް ބޭނުން ކުރަމުން އައީ މިނެޓަކު 1300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕުތައް ކަމަށް ވެސް ވިދާޅުވިއެވެ.

 

މާލޭގައި މީގެ ކުރިން ފެންހިން ދަމުންއައީ ދޯނިފަހަރުގައި، ދިޔަހިއްކުމަށް ބޭނުންކުރާ ކަހަލަ ޕަމްޕު 

ތަކުންނެވެ. 


ކޮމެންޓް