ރާއްޖެ

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ގަސްއިންދުމުގެ ހަރަކާތެއް

ވިލިމާލޭގައި ގަސްއިންދުމުގެ ހާއްސަ ހަރަކާތްތަކެއް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

 

މި މަހުގެ 11 ވީ އަންގާރަ ދުވަހު ފެށި މި ހަރަކާތުގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އާއި މައްޗަން ގޯޅި އުތުރު ދާއިރާގެ ކައުންސިލަރު ސަޢީދާ ރަޝާދު އަދި ވިލިމާލެ ކައުންސިލުގައި މަސައްކަތް ކުރައްވާ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

މި ހަރަކާތުގެ ތެރެއިން މޭވާ އަޅާ 70 ގަހާއި 60 މާގަސް ވަނީ އިންދާފައެވެ. އެއީ ޖުމްލަ 130 ގަހެވެ.

 

މޭޔަރ ޢާޒިމް ވިދާޅުވީ މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ގަސް އިންދައި ފެހިކޮށް ރީތިކުރުމާއި އިންދާފައިވާ ގަސްތައް ރީތިކުރުމަށް ގަސްކޮށައި، ހެދުމަކީ ކައުންސިލުން ވަރަށް އިސްކަން ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

 

އެގޮތުން ވިލިމާލޭގައި ގަސް އިންދުމަށް ހާއްސަކުރެވިފައިވާ ގަސް ވަޅުތަކުގައި ގަސް ނުއިންދައި، ޒަމާންތަކެއް ވެއްޖެ ކަމަށާއި މިފަހަރު ވިލިމާލޭގައި މި އިންދާ ގަސްތަކުގެ ސަބަބުން އިތުރު އާރޯ ކަމެއް ވިލިމާލެއަށް ލިބިގެން ދިއުމަކީ ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

 

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ފަދަ އިތުރު ހަރަކާތްތައް ވިލިމާލޭގައި ކުރިއަށް ގެންދިއުމަކީ މާލެ ސިޓީ ކައުންސިލުގެ އަމާޒެއް ކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.


ކޮމެންޓް