މިއަހަރުގެ ރަމަޟާން މަހުގެ އިނާޔަތް ނުލިބިގެން 33 މީހަކު ޝަކުވާ ހުށަހަޅާފައިވާކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ހާމަކުރައްވައިފިއެވެ.
ރޯދަމަސް ފެށުމުގެ ކުރިން، ވަަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުލިބޭނަމަ، އެކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ހުށަހެޅޭނެކަން އެ އޮތޯރިޓީން މީގެކުރިން ވެސް ވަނީ ވިދާޅުވެފައެވެ.
ރޯދަ މަސް ފެށޭއިރު، 'ޕޭ ލީވް' ގެ ތެރެއިން ސްކޮލަރޝިޕް މުވައްޒަފުންނާއި 'ނޯޕޭ ލީވް' ގައި ތިބި މުވައްޒަފުންނަށް އިނާޔަތް ނުދޭން ފިނޭންސް މިނިސްޓްރީން އަންގާފައިވާއިރު، އެ ލީވްތަކުގެ ތެރެއިން ލީވެއްގައި ހުރި މުވައްޒަފަކު ވަޒީފާއަށް ނުކުމެއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އިނާޔަތް ދިނުމަށް ފިނޭންސުން އަންގަވާފައިވެއެވެ.
ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުން އަދި ގާނޫނުން ލިބޭ ޗުއްޓީތަކުގައި ތިބޭ މުވައްޒަފުންނަށް ވެސް ރޯދަ އިނާޔަތް ދޭންޖެހޭނެ ކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވަނީ ބުނެފައެވެ.
ވަޒީފާއާބެހޭ ގާނޫނު ނަންބަރުގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ރަމަޟާން މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭން ޖެހެއެވެ.