އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ބާއްވަމުން އަންނަ "މަހްރަޖާނުލް ޤުރްއާނިލް ކަރީމް" މިރޭ އޮންނާނެއެވެ.
އެ ޔުނިވަރސިޓީން ހާމަކުރައްވާފައިވާގޮތުގައި މިއީ ކީރިތި ގުރްއާނަށް ދިވެހި މުޖުތަމައު ހޭލުންތެރި ކުރުމަށް ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާއިން ކޮންމެ ރަމަޟާން މަހެއްގައި ބާއްވަމުން އަންނަ ބައްދަލުވުމެކެވެ.
އާންމުންނަށް ހުޅުވާލައިގެން ހޯލުގައި ބާއްވާ މި ޕްރޮގްރާމަކީ ކީރިތި ޤުރްއާނުގެ ތަފާތު ގިރާއަތްތަކަށް ކިޔަވާ އަޑުއަހާލުމާއި ތަފްސީރާއި އިޢުޖާޒުލް ޤުރްއާންގެ މަޢުލޫމާތު މުއްސަނދި ކޮށްލުމަށް ވަރަށް ރަނގަޅު ބައްދަލުވުމަކަށް ވާނެއެވެ.
މިބައްދަލުވުމުގައި ރާއްޖޭން ބޭރުގެ ގާރީންނާއި ދިވެހި ގާރީންގެ ކިޔެވުމާއި ރާއްޖޭގެ ދީނީ އިލްމުވެރިޔާ އައްޝައިޚް ޢަލީ ޒާހިރުބިން ސަޢީދު ޤާސިމް ތަފްސީރުކުރުން އޮންނާނެއެވެ. އަދި އިލްމުވެރިންގެ މައުލޫމާތުން ފުރިގެންވާ ވާހަކަތަކެއް ވެސް އަޑުއިވިގެން ދާނެއެވެ.
މިރޭ 9:30 ން 10:30 އަށް ކުރިޔަށްގެންދާ މިބައްދަލުވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ، މައުލޫމާތު މުއްސަނދި ކުރުމަށް އައިޔޫއެމް އިން ވަނީ އެދިފައެވެ.