ރާއްޖެ

މިސަރުކާރުން ހެޔޮވެރިކަމުގެ ޗާޓުން ބޭރުވުމުގެ ހީލަތްތެރި ނިޔަތް އެބަ ފާޅުވާ: ޑިމޮކްރެޓްސް

ލާމަރުކަޒީ ނިޒާމު ރޫޅާލުމުގެ މަގަށް ފިޔަވަޅަކުން ފިޔަވަޅެއް ފަހަތަށް އަޅަމުން ގެންދިޔުން ދަ ޑިމޮކްރެޓްސް އިން ކުށްވެރިކޮށްފިއެވެ.

 

މިކަން ކުށްވެރިކޮށްފައިވަނީ އެޕާޓީން ނެރުނު ނޫސްބަޔާނެއްގައެވެ.

 

"ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ވަކި ބާބަކުން ދައުލަތަށް މަތިކޮށްފައިވާ، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތަކާއި އަތޮޅުތައް ހިންގުމުގެ މުޅި ބޭނުމާއި މަގުސަދާއި ރޫހާ ހިލާފަށް، ލާމަރުކަޒީ ނިޒާމު ރޫޅާލައި އިހުއޮތް ބޯދާގޮތަށް ރުޖޫއަކުރުމަށް ރައީސް މުޢިއްޒުގެ ސަރުކާރާ ޕީއެންސީގެ ބޮޑު މެޖޯރިޓީ މަޖިލީހުން ކުރަމުންގެންދާ މަސައްކަތްތަކާމެދު ދަ ޑިމޮކްރެޓްސްއިން ނުހަނު ކަންބޮޑުވަމެވެ."

 

މީގެއިތުރުން ކުރީގެ މާލޭ މޭޔަރުގެ މަގާމުގައި ހުންނަވައިގެން ދެއްކެވިހާ ވާހަކަފުޅުތަކާއި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި "ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކޮށްދިނުމުގެ" ވައުދުތަކާއެކު ވެރިކަމަށް ވަޑައިގެން، ކަނޑައެޅިގެން އެއާއި ހިލާފަށް ކަންކުރައްވަމުން ގެންދަވާކަމީ ލަދުވެތިކަމެއް ކަމުގައި އެ ބަޔާނުގައި ވެއެވެ.

 

ޑިމޮކްރެޓުން ބުނީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދިނުން ލާޒިމްކޮށްފައިވާ ބަޖެޓު އުނިކުރުމާއި، ސަރުކާރުން ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގައި ކައުންސިލްތައް ބައިވެރި ނުކުރުމާއި، ގާނޫނުން ކައުންސިލްތަކަށް ދީފައިވާ އިހުތިސާސަށް ސަރުކާރުން އަރައިގަންނަމުން ދިޔުމަކީ ސީދާ ލާމަރުކަޒީ ނިޒާމު ރޫޅާލުމުގެ ޢަމަލުތަކެއް ކަމުގައެވެ.

 

ރަށްރަށުގެ ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވާލާ ތަރައްގީގެ ޕްލޭންތަކާއި ބިނާވެށި ޕްލޭންތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބާރު ނެންގެވުމާއި، މިހާރު ހުށައަޅުއްވައިގެން އުޅޭ ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއެކީ، ރަށްރަށުގެ ޓޫރިޒަމް ވިޔަފާރީގެ ހުރިހާ ކަމެއް ރައީސުލްޖުމްހޫރިއްޔާގެ މުށަށް ނެގޭގޮތަށް ގެންނަވަން އުޅޭ ބަދަލުފަދަ ކަންކަމަކީ ވެސް ލާމަރުކަޒީ ނިޒާމު ރޫޅާލުމުގެ ޢަމަލުތަކެއް ކަމުގައި ދެކޭކަމުގައި އެބަޔާނުގައި ވެއެވެ.

 

ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަކީ 2008 ވަނަ އަހަރުގެ ފެހި ގާނޫނުއަސާސީން ހޯދުނު އެންމެ މުހިންމު އެއް ހެޔޮބަދަލު ކަމަށާއި އެއީ ރައްޔިތުންގެ ބާރާއި ޑިމޮކްރެޓިކް ހިންގުމުގެ ރޮނގުން ކުރިޔަށް އެޅުނު އެންމެ ހެޔޮ އެއް ފިޔަވަޅުކަން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް އަނބުރާ 2008 ގެ މާފަހަތަށް މިސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުން، މިސަރުކާރުން ހެޔޮވެރިކަމުގެ ޗާޓުން ބޭރުވުމުގެ ހީލަތްތެރި ނިޔަތް އެބަ ފާޅުވާ ކަމުގައި ވެސް ބުނެފައި ވެއެވެ.

 

ގާނޫނުއަސާސީއާއި ގާނޫނީ ވެރިކަމާއި، ރައްޔިތުންގެ ބާރުވެރިކަމާއި ޑިމޮކްރެޓިކް ހަމަތަކުގެ އިމުގެ ތެރޭ ވެރިކަން ހިންގެވުމަށް އެ ޕާޓީން ވަނީ ސަރުކާރަށް ހަނދާންކޮށްދީފައެވެ. އަދި މި އިންތައް ފަހަނަޅައި ގޮސް، އަލުން އަނބުރާ ހުދުމުހުތާރުކަމަށް ފިރުކިގެންދާން މިޕާޓީއާއި ދިވެހި ރައްޔިތުން ފުރުސަތު ނުދޭނެކަން ވެސް ތަކުރާރުކޮށް ހަނދާންކޮށްދޭކަމަށް ބުނެފައި ވެއެވެ.

 

 

ކޮމެންޓް