ރާއްޖޭގެ ސަލާމަތީ ބާރުތައް ކަމުގައިވާ ދިވެހި ފުލުހުންގެ ހިދުމަތާއި ދިވެހި ސިފައިން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިއީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިވިކަމުގެ މައުލޫމާތު ލިބިގެން ފަށާފައިވާ އޮޕަރޭޝަނެކެވެ.
މިކަމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމަތާކާއި ގުޅިގެން މިރޭ ދިވެހި ފުލުހުންގެ ހިދުމަތާއި ރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމާތައި ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށްގެންދާނެ ކަމަށެވެ.
އެހެންނަމަވެސް މި އޮޕަރޭޝަންގެ އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރައްވައެވެ.
މީގެއިތުރުން މި އޮޕަރޭޝަން ކުރިއަށް ގެންދާކަމަށް ބުނެ ފުލުހުން ނެރުނު ބަޔާން މިހާރުވަނީ ފުލުހުންގެ ވެބްސައިޓުން ނަގާފައެވެ. ބަޔާން ވަގުތީ ގޮތުން ޑިލީޓުކޮށްލާފައިވަނީ މިކަމާ ގުޅުންހުރި ވަރަށް ނާޒުކު މައުލޫމާތުތަކެއް ސާފުކުރުމަށްފަހު އެކަން އިއުލާންކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.