ރާއްޖެ

ސަރުކާރު ހިންގަން ނޭނގުމުގެ އަގު ދައްކަން ޖެހެނީ ރައްޔިތުންނެއް ނޫން: ޝާހިދު

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ސަރުކާރު ހިންގަން އެނގިވަޑައިނުގަތުމުގެ އަގު ދައްކަން ޖެހެނީ ދިވެހި ރައްޔިތުން ނޫންކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ސަރުކާރުން މަރުކަޒީ ބޭންކް (އެމް.އެމް.އޭ) މެދުވެރިކޮށް 15 ބިލިއަން ރުފިޔާ ޗާޕްކުރުމުގެ މަސައްކަތްކުރާކަމަށް އެމްޑީޕީން ތުހުމަތުކޮށްފައިވަނިކޮށް، އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

 

އެ ޕޯސްޓުގައި ޝާހިދު ވިދާޅުވީ ސަރުކާރުން ކުރަން އުޅެނީ ޒިންމާދާރުކަން ކުޑަ، އަދި އައި.އެމް.އެފް އާއި ވޯލްޑް ބޭންކުގެ އިތުރުން އިގްތިސާދީ މާހިރުގެ ލަފަޔާ ޚިލާފު ޢަމަލެއް ކަމަށެވެ. އަދި މާލީ ސިޔާސަތު ހަރުދަނާކޮށް ޚަރަދުކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި ސަރުކާރުން އިގްތިސާދުގެ ތެރެއަށް ގިނަ އަދަދެއްގެ ފައިސާ ޗާޕުކޮށް ދޫކޮށްލުމުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ދިވެހި ރުފިޔާގެ އަގު ވެއްޓި އިގްތިސާދަށް ލޮޅުން އަންނާނެކަމަށް ވެސް ވިދާޅުވިއެވެ.

 

ހަމަމިއާއެކު ފައިސާ ޗާޕުކުރުމުން އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ އާއްމު ރައްޔިތުމީހާއަށް ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ކާނާއާއި ތެލާއ، އަސާސީ މުދަލުގެ އަގު ބޮޑުވެ، ޑޮލަރު ހޯދަން މިހާރުވެސް ދަތިއިރު، އިހުނަށްވުރެ އެކަންވެސް ދަތިވާނެކަން ފާހަގަކުރެއްވިއެވެ.

 

ޝާހިދު ވަނީ ދިގުރާސްތާގައި ސަރުކާރަށް ޓެކްސް ބޮޑުކޮށް އާއްމު ހިދުމަތްތައް މެދުކަނޑާލަން ޖެހޭ ހިސާބަށް ދާނެކަމަށް ވެސް ވިދާޅުވެފައެވެ.

 

އެމް.އެމް.އޭ އިން ބިން ގަންނަން އުޅޭ މައްސަލައަށް ފާޑުވިދާޅުވެ، ޝާހިދު ވިދާޅުވީ އެމް.އެމް.އޭ އަކީ ބިން ބޭނުންވާ ތަނެއް ނޫން ކަމަށެވެ. އަދި ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރެއަށް ވަނުމުގެ މެންޑޭޓްވެސް އޮތް ބައެއް ނޫން ކަމަށެވެ.

 

އެހެންކަމުން ސަރުކާރުން ޖެހުނު މަގަކުން ފައިސާ ހޯދަން މަސައްކަތް ފެށީ ޚާރިޖީ ސިޔާސަތު ފެއިލްވެ، ބޭރުންވެސް އެއްވެސް ފައިސާއެއް ނުލިބުމުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ބިން ގަތުމުގެ ނަމުގައި ސަރުކާރުން ހިންގަން އުޅޭ ކަންކަމަކީ އެމް.އެމް.އޭ ގެ ގާނޫނާއި ހަރަދަށް ޒިންމާވުމުގެ ގާނޫނާއިވެސް ޚިލާފު، އަދި އޭގެ ސަބަބުން ދިގު މުއްދަތަކަށް އިގްތިސާދަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށާއި އެކަން ވަގުތުން ހުއްޓާލަން ޖެހޭކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

 

 

ކޮމެންޓް