އައްޑު ސިޓީ ކަރަންޓު މައްސަލައާ ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް މަޖިލީހުން ނޯ ބުނެފިއެވެ.
މިއީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހީމް ނާޒިލް ހުށަހެޅުއްވި މައްސަލައެކެވެ. މައްސަލަ ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވީ ތަކުރާރުކޮށް ކަރަންޓު ކެނޑެމުން ދަނީ އައްޑޫގެ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ހުރި ތިން ޖެނެރޭޓަރު ސެޓު މަރާމާތު ނުކުރެވިގެން ކަމަށެވެ. އަދި އެކަން ނުވެގެން އުޅެނީ މަރާމާތުކުރަން ބޭނުންވާ ސްޕެއަރތައް މާލޭގެ ހެޑް އޮފީހުން ނުފޮނުވައިގެން ކަމަށެވެ.
މީގެއިތުރުން ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިވަގުތަށް ވެސް 3 މެގަވޯޓުގެ ދެ ޖެނެރޭޓަރު ސެޓު ޕަވަރ ސްޓޭޝަނަށް ފޮނުވި ނަމަވެސް ފޮނުވީ 1.8 މެގަވޯޓުގެ އެންމެ ޖެން ސެޓެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އެ މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް އެންމެ 13 މެންބަރުން ވޯޓު ދެއްވިއިރު، ނުފެންނަކަމަށް 47 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
އެ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ އަށް ދުވަސްތަކެއްވެފައިވާއިރު، މި ރަމަޟާން މަހު ވެސް އެކަން ތަކުރާރުވަމުން އަންނާތީ އެސިޓީގެ ރައްޔިތުން ދަނީ އިހްތިޖާޖު ވެސް ކުރަމުންނެވެ.