މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކުގައި ތިބޭ ބަލިމީހުންގާތަށް ޒިޔާރަތްކުރާ ވަގުތަށް ބަދަލު ގެނެސްފިއެވެ.
މިކަން ހާމަކުރެއްވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުލްރައްޒާޤް ޙަލީމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ވިދާޅުވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ރޯދަމަހު ޒިޔާރަތްކުރާ ވަގުތު އިތުރުކުރުމަށް ނިންމާފައިވާފައިވާކަމަށެވެ. އެގޮތުން މި ރަމަޟާން މަހު ބަލިމީހުންނަށް ޒިޔާރަތްކުރެވޭ ވަގުތު ހަވީރު 5 ން ރޭގަނޑު 10:30 އަށް އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރަހައްދުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކުގައި ބަލިމީހުންނަށް ޒިޔާރަތްކުރުމަށް މީގެކުރިން އާންމުކޮށް ކަނޑައަޅާފައި އޮންނަނީ ހަވީރު 5 ން ރޭގަނޑު 8 ޖަހަންދެންނެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހޮސްޕިޓަލްތަކަކީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް، ވިލިމާލޭ ހޮސްޕިޓަލް އަދި ހުޅުމާލޭ ހޮސްޕިޓަލެވެ.