ހިތް އިސްލާހު ވެއްޖެނަމަ އިންސާނާގެ މުޅި ހަށިގަނޑު އިސްލާހުވެގެންދާކަމަށާއި ހިތް ފަސާދަވެއްޖެނަމަ އިންސާނާގެ މުޅި ހަށިގަނޑު ފަސާދަވެގެންދާކަމަށް އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމް ޙުސައިން ވިދާޅުވެއްޖެއެވެ.
ޝައިހް މިފަދައިން ވިދާޅުވީ ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ބާއްވަމުން ގެންދަވާ އިހްޔާ ފޯރަމްގައި ތަގްރީރު ކުރައްވަމުންނެވެ.
"އިސްލާމްދީން މަތީ ޘާބިތުވާށެވެ!" މި މައުޟޫއަށް ތަގްރީރު ކުރައްވަމުން ޝައިހް ވަނީ އިސްލާމްކަން މަތީގައި އަބަދުވެސް ދެމިތިބޭތޯ ދުއާކުރަންޖެހޭކަން ހަނދާންކޮށްދެއްވާފައެވެ. އަދި އިސްލާމް ދީނާމެދު އެކިއެކި ޝުބުހާތައް ފަތުރާއިރު ގިނަގިނައިން ދުއާކުރަންވީ މި ނިއުމަތުގެ މަތީގައި ސާބިތުވެ ދެމިތިބޭތޯކަމަށް ވެސް ވިދާޅުވިއެވެ.
"ހިތަކީ ވަރަށް އަވަހަށް ފުރޮޅޭ އެއްޗެއް. އަހަރެމެންގެ ހިތް އިސްލާމް ދީނުގެ މަތީގައި ދަމަހައްޓަވާ ސާބިތުކަން ދެއްވުމަށް އެދި ދުއާކުރަންޖެހޭ."
މީގެއިތުރުން ޝައިހް ވަނީ ކެތްތެރިކަމުގެ މަގަކީ ދީނުގައި ސާބިތުވެ، ދެމިތިބެވޭނެ މަގުކަމަށާއި ކެތްތެރިންގެ ވާހަކަތައް އަބަދާއި އަބަދު ކިޔައި، އިބްރަތް ހާސިލްކުރަންޖެހޭކަން ވެސް ހަނދާންކޮށްދެއްވާފައެވެ. އަދި ޤުރުއާނުގައި ހުރި ރަސޫލު ބޭކަލުންގެ ވާހަކަތައް ކިޔާލުމުން އެބޭކަލުންނަށް ގައުމުން ކުރިމަތިވި ކަންތައްތަކާއި އެބޭކަލުން އިސްލާމް ދީނުގެ މަތީގައި ސާބިތުވެ ތިބި ގޮތުން އެތަކެއް އިބްރަތްތަކެއް ލިބިގެންދާކަމަށް ވެސް ވިދާޅުވިއެވެ.
މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް، އަދި އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ. އަދި 6 ސްކޫލްއަކާއެކު ދަރިވަރުންގެ އިޙްޔާ ފޯރަމް ވެސް މިއަހަރު އޮންނާނެއެވެ.