ރާއްޖޭގެ މުހިންމު އާސާރީ ބިނާތައް ރައްކާތެރި ކޮށްގެން މެނުވީ ގައުމިއްޔަތު ކުރިއެރުވޭނެ ކަމުގައި ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ މާލޭ ހުކުރު މިސްކިތުގެ އާބާތުރަފިލުވައި، މަރާމާތުކުރުމަށް އިންޑިޔާ ސަރުކާރާއެކު ހިންގަމުންދިޔަ މަޝްރޫއު މި ސަރުކާރު އައުމާއެކު އެއްވެސް މަސައްކަތެއް ނުހިންގާ ހުއްޓިފައި އޮންނަތާ މިސަރުކާރަށް ވީހާދުވަހެއްވެއްޖެ ކަމަށެވެ.
މީގެއިތުރުން މި މަޝްރޫއަށް ބޭނުންވާ ސާމާނުވެސް އޭރު މާލެ ގެނެސްފައިވާ ކަމަށާއި ހުކުރު މިސްކިތުގެ އެތެރެ މަރާމާތު ކުރަން ހަދަން ޖެހޭ އެސެސްމެންޓުތައް ވެސް އޭރުހަދާފައިވާކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް ސަރުކާރު ބަދަލުވުމާއެކު މަސައްކަތް ހުއްޓުނު ގޮތަށް ކުރިޔަކަށް ނުދާ ކަމަށާއި ހުކުރު މިސްކިތުގެ ހާލަތު މިހާރު ހުރީ ވަރަށް ދެރަކޮށްކަން ފާހަގަކޮށް އެކަމަނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މިސްކިތް ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ހަމަމިއާއެކު އެ މިސްކިތުގެ މިހާރުގެ ހާލަތު ދައްކުވައިދޭ ބައެއް ފޮޓޯއާއެކު ކުރެއްވި ޕޯސްޓުގައި ރާއްޖޭގެ މި ފަދަ މުހިންމު އާސާރީ ބިނާތައް ރައްކާތެރި ކޮށްގެން މެނުވީ ގައުމިއްޔަތު ކުރިއެރުވޭނެ ކަމަކަށް އެކަމަނާ އަށް ފެނިވަޑައި ނުގަންނަވާ ކަމަށް ވެއެވެ.