ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިހްޔާ ފޯރަމް ސިލްސިލާގެ ތިން ވަނަ ފޯރަމް މިރޭ އޮންނާނެއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވާ މި ފޯރަމްގައި މިރޭގެ މައުޟޫއަކީ "އިސްލާމްދީނުގެ މަތީގައި ޘާބިތުވާށެވެ." އެވެ. ތަގްރީރު ކުރައްވާނީ އައްޝައިޚް އަޙްމަދު ސަމީރުއެވެ. މި ފޯރަމް ވެސް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 9:30 ގައެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އިހްޔާ ފޯރަމްއަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަަކަށް ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއް ވަނައަށް ދާ ފަރާތަކަށް 1500 ރުފިޔާގެ ގިފްޓު ކާޑެއް، ދެވަނައަށް 1000 ރުފިޔާގެ ގިފްޓު ކާޑެއް އަދި ތިންވަނައަށް ދާ ފަރާތްތަކަށް 700 ރުފިޔާގެ ގިފްޓު ކާޑެއް ލިބޭއިރު، ހަތަރުވަަނައަށް 500 ރުފިޔާގެ ގިފްޓު ކާޑެއްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ ބީއެމްއެލް އިސްލާމިކްގެ ފަރާތުން ދޭ ހަދިޔާއެވެ.
މީގެއިތުރުން އިސްލާމިކް މިނިސްޓްރީން ވެސް އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ރިޔާޟުއްޞާލިޙީން އަދި ފިޤުޙުއްސުންނާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި އިނާމުތައް ދެނީ އަންހެން އަދި ފިރިހެން ވަކިންނެވެ.
މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް، އަދި އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ. އަދި 6 ސްކޫލްއަކާއެކު ދަރިވަރުންގެ އިޙްޔާ ފޯރަމް ވެސް މިއަހަރު އޮންނާނެއެވެ.