2025 ވަނަ އަހަރުގެ ވޯލްޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓުގައި (ޑަބްލިޔޫ.އެސް.ޑީ.އެސް 2025) ބައިވެރިވުމަށް ދިޔަ ރާއްޖޭގެ ވަފުދު، އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް (އައި.އެސް.އޭ) ގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު އާއި ޑެޕިއުޓީ މިނިސްޓަރ އަތީފެވެ. އައި.އެސް.އޭގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ އެ ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. އަޖައި މަތުރު އާއި އަލަށް އައްޔަނުކުރެވުނު ޑިރެކްޓަރ ޖެނެރަލް އަޝިސް ކަންނާއެވެ.
މި ބައްދަލުވުމުގައި އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމާއި، އައު އީޖާދުތައް ކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ރާއްޖެއާއި އައި.އެސް.އޭ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމާ މެދުވެސް ވާހަކަދެކެވުނެވެ.
ރާއްޖެއަކީ އިޔާދަކުރަނިވި ހަކަތައަށް ބަރޯސާވުމަށް މަސައްކަތްކުރަމުންދާ ޤައުމަކަށްވުމާއެކު، މިފަދަ ބައްދަލުވުންތަކުން ރާއްޖެއަށް ލިބޭނެ ފައިދާތައް ބޮޑުވާނެކަމަށް ބެލެވެއެވެ. ޚާއްޞަކޮށް އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމުތަކުގެ ތަޖުރިބާ ހޯދުމަށް މިފަދަ ބައްދަލުވުންތަކުން މަގުފަހިވާނެއެވެ.