ގާނޫނު އަސާސީން އުފައްދާފައިވާ މިނިވަން ކޮމިޝަންތައް ވެސް މަޑުމަޑުން ސަރުކާރުގެ ބާރުގެ ދަށަށް ގެންނަމުންދާ ކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ކުރީގެ ލީޑަރ މުހައްމަދު ރަޝީދު ހުސައިން ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ އެމްޑީޕީން މަޖީދީމަގުގައި ރޭ ކުރިއަށް ގެންދިޔަ ކުއްލި އިހްތިޖާޖުގައި ވާހަކަދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވީ ސަރުކާރުން މިހާރު ވަނީ ދައުލަތް ހިންގުމުގެ ދެވަނަ ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަނގަ ބަންދުކުރުވާ، ސަރުކާރުގެ އަޅުންނަށް ހަދާފައި ކަމަށެވެ. އެގޮތުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މި ސަރުކާރަށް ތާއީދުކުރާ މެންބަރުން ގާނޫނު އަސާސީއަށް ގެނައި ބަދަލަށް ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފައެވެ.
މީގެއިތުރުން ތިން ބާރުގެ ތެރެއިން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ކޮންޓްރޯލް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށާއި އެގޮތުން ޖޭއެސްސީގެ ނުފޫޒު ބޭނުން ކުރައްވައިގެން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމު ގެއްލުވާލުމުގެ މަސައްކަތް ފަށައި، ސަރުކާރުން މަސައްކަތް ކުރަނީ އެ ބާރުވެސް މުށުތެރެއަށް ލުމަށް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.
މީގެއިތުރުން ސަރުކާރުގެ މި ޢަމަލުތަކަކީ މީގެ 40 އަހަރު ކުރިން ފެށި އިސްލާހީ މަސައްކަތުން މިނިވަން ކުރި ތިން ބާރުގެ މިނިވަންކަން ނިގުޅައިގަތުންކަމަށް ވެސ ވިދާޅުވިއެވެ. އަދި އެމްޑީޕީން މަގުމައްޗަށް ނިކުތީ ރައްޔިތުންނާއި ދައުލަތުގެ އެންމެހާ ބާރުތަކުގެ ހައްގުގައި ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިކަމުން ދިވެހި ގައުމު ސަލާމަތް ކުރުމަކީ ހަމަ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް މިއަދު އޮތް ވާޖިބެއް ކަމަށެވެ.
އެމްޑީޕީން ރޭ ކުއްލިގޮތަކަށް ކުރި މި އިހްތިޖާޖުގައި ސަލާމަތީ ހިދުމަތްތަކާއި އެމްޑީޕީގެ އެކްޓިވިސްޓުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ވެސް ވަނީ ހިނގާފައެވެ.