ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި ކޮމިޓީން އެޓަރނީ ޖެނަރަލް އަލް އުސްތާޛު އަހުމަދު އުޝާމް އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާދެއްވި ސަބަބެއް ކަމުގައި އޭޖީ ވިދާޅުވީ ސަރުކާރުން ސަސްޕެންޑްކުރި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ޖޭއެސްސީއަށް ފޮނުއްވި ސިޓީއެއްގައި އޭޖީއަށް ރައްދުކޮށް ގިނަ ތުހުމަތުތަކެއްކޮށްފައިވާތީއެވެ. އަދި އެމައްސަލަތައް އަޒްމިރަލްދާ އަށް ވެސް އިންސާފުވެރިގޮތެއްގައި ބެލުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
އުޝާމް އިސްތިއުފާ 'އެކްސް' ގައި މީގެކުރިން ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ ކުރީ ސަރުކާރުގެ ފަސް އަހަރު ޖޭއެސްސީން ފަނޑިޔާރުންނަށް އެޅި ފިޔަވަޅުތަކާއި މި ސަރުކާރުގެ ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި ފަނޑިޔާރުންނަށް އެޅި ފިޔަވަޅުތަކުގެ ތަފާސްހިސާބުތައް އާންމުކުރައްވާފައެވެ.
އެ މައުލޫމާތުތަކަށް އިޝާރާތް ކުރައްވައި، ފަނޑިޔާރުންނަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވީ ކޮން ދުވަސްވަރެއްގައިކަން ސާފުކޮށް އެނގޭ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ދައްކާ ވާހަކައަކާއި ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން ސުލޫކީވުން ނިމުމަކަށް ގެނައީ މިހާރުގެ ސަރުކާރުން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އުޝާމް އެކޮމެޓީން އިސްތިއުފާދެއްވީ އަމިއްލަފުޅަށެވެ. އުޝާމްގެ ބަދަލުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް، މުހައްމަދު ނާސިހު ވަނީ އެކޮމެޓީއަށް އައްޔަންކުރައްވާފައެވެ.
ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި މިހާރު ތިއްބަވަނީ ޖޭއެސްސީއަށް ރައީސް އައްޔަންކުރެއްވި މެންބަރު ޔަޒްމީދު މުހައްމަދު އާއި ގާނޫނީ ވަކީލުންގެ ތެރެއިން އައްޔަން ކުރެއްވި އަލީ އަބްދުއްލަތީފުއެވެ.