ރާއްޖެ

މިނިސްޓަރު ތޯރިގު، އައި.ޓީ.ބީ ގައި ވިލާ ރިސޯޓްސްގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި 3 months ago

ބަރލިންގައި ކުރިއަށްދިޔަ އައި.ޓީ.ބީ 2025 ފެއަރގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިލާ ރިސޯޓްސްގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. 

 

މި ބައްދަލުވުމުގައި ޓޫރިޒަމް ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިއެރުމަށްޓަކައި ސަރުކާރާއި އިންޑަސްޓްރީ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

 

މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ މެދުގައި ބަދަހި ގުޅުމެއް އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މިފަދަ ބައްދަލުވުންތަކަކީ ދެފަރާތުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިވާނެ ކަމެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 

ވިލާ ރިސޯޓްސްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވި އިސްވެރިން ފާހަގަކުރި ގޮތުގައި، ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގެ ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށް އެ ކުންފުނިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދާނެ ކަމަށެވެ.

 

އައި.ޓީ.ބީ 2025 ފެއަރ އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއަރ ކަމުގައިވާއިރު، މި ފެއަރގައި ރާއްޖެއިން ބައިވެރިވެ، ރާއްޖޭގެ ޓޫރިޒަމް އިތުރަށް ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

 


ކޮމެންޓް