ރާއްޖެ

މިފްކޯގެ މިހާރު އޮތް ހާލަތު ބަދަލުކުރެވޭނެ: ޝަހީރު

މަސްވެރިކަމުގެ ދާއިރާއަށް ދެމެހެއްޓެނިވި ތަރައްގީތަކެއް ގެނެވިއްޖެ ނަމަ، ކުރިއެކޭ އެއް ގޮތަށް މި ސިނާއަތަކީ ރާއްޖޭގެ އެއްވަނަ ސިނާއަތަށް ވެގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށް މިފްކޯގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު ވިދާޅުވެއްޖެއެވެ.

 

އެކުންފުނީގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ޕީއެސްއެމް ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މިކަން ހާސިލްކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަމަށެވެ. އަދި ކަމާއިގުޅުންހުރި ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތުން މި އަމާޒަށް ވާސިލްވެވޭނެކަމާމެދު ޔަގީންކަން އެބައޮތް ކަމަށެވެ.

 

ފަރްހަތި ވިދާޅުވީ މިފްކޯ މިހާރުއޮތް ހާލަތުން ކޮޅަށް ޖެހުމަށް ވަރަށް އަވަހަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އަދި ވަރަށް ޓަފް ޑިސިޝަންތަކެއް ނަގަން ޖެހޭނެ ކަމަށެވެ.

 

" އެކަންކަން ކުރެވިއްޖެ ކަމަށްވަންޏާ ﷲ އިރާދަފުޅާއެކު މިކުންފުންޏަކީ މަސްވެރިކަމުގައި ދިވެހި ރާއްޖޭގައި ލީޑްކުރާ ފައިދާ ކުރަނިވި ކުންފުންޏަކަށް ހެދޭނެ ކަމުގެ ޔަގީންކަން އެބައޮތް."

 

ފަރުޙަތު ޝަޙީރު ދިވެހި ގައުމަށް ހިދުމަތް ކުރައްވަން ފެއްޓެވީ ސިފައިންގެއިންނެވެ. އިންޑޮނޭޝިއާގެ އަސްކަރީ ކޮލެޖުން، މިލިޓަރީ ސްޓާރސް އިން ޑިގްރީ ހާސިލްކުރައްވާފައިވާއިރު، އޭނާ ވަނީ އެކޮލެޖުން މިލިޓަރީ އާޓް އެންޑް ސައިންސް ދާއިރާއިން މާސްޓަރސް ޑިގްރީ ވެސް ފުރިހަމަކުރައްވާފައެވެ.

 

1986 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފްގެ އެކި ފެންވަރުގައި މަސައްކަތް ކުރައްވާފައިވާއިރު، 26 އަހަރަށް ފަހު 2012 ވަނަ އަހަރު ރިޓަޔަރވިއިރު، ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ.

 

އޭގެ ފަހުން ނޭޝަނަލް ޑްރަގް ކޮންޓްރޯލް ބޯޑުގެ ޗެއަރމަންކަމާއި 2014 ވަނަ އަހަރު އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމު ވެސް ފުރުއްވިއެވެ.


ކޮމެންޓް