ދިވެހި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ މުޖްމަތަމައުގައި އަންހެން ދަރީންނަށް އޮތް ފުރުސަތުތައް އިތުރަށް ފަހިކޮށްދިނުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.
އެ ހިތާބުގައި ރައީސް ވިދާޅުވީ ސަރުކާރު ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއިއެކު އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުމަކީ ވެސް ސަރުކާރުގެ ސިޔާސަތު ކަމަށެވެ. އަދި ދިވެހި ތާރީހުގެ އެންމެ އެވޭލާ ލިޔެކިޔުންތަކުގައިވެސް ދިވެހި އަންހެނުންގެ ހީވާގިކަމާއި، މުރާލިކަމާއި، ގެވެހިކަމާއި، ސާފުތާހިރުކަމަށް ލޯބިކުރާކަން ފެންނާން އެބަހުރިކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ގައުމީ އަދި އިޖްތިމާއީ ކަންކަމުގައިދޭ ބޮޑު އަހައްމިއްޔަތުގެ ވާހަކަތައް ވެސް ފެންނާން އެބަހުރިކަން ފާހަގަކުރައްވައި، ދިވެހި އަންހެނުންނަކީ، ދިވެހި އުންމަތް، ސިލްމާ ސަލާމަތުގައި އެތައް ހާސް އަހަރަކު ދެމެހެއްޓި ދަރިކޮޅުތަކުގެ މަންމައިންގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. އަދި އަންހެނުންނީ ދިވެހި އާއިލާތަކަށް އޯގާތެރިކަމާއެކު ހޭހަންކުރާ މަދަދުގާރުންތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ހިތާބުގައި ދިވެހި އުންމަތުގެ ތަރައްގީއާއި ތަމައްދުނަށްޓަކައި މިހާތަނަށް ކުރެވުނު ކާމިޔާބު ކޮންމެ މަސައްކަތެއްގައި ވެސް ދިވެހި އަންހެނުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ދިވެހި އަންހެން ދަރީންނަށްޓަކައި ދިވެހި ގައުމު އަބަދުވެސް ފަޚުރުވެރިވާނެކަމުގައި ވަނީ ވިދާޅުވެފައެވެ.
ހަމަމިއާއެކު ރާއްޖޭގައި ސިއްހީ، ތައުލީމީ ދާއިރާ ފަދަ، މުޖްތަމައުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު މައިދާންތަކުގައި ގިނައީ އަންހެން ހިދުމަތްތެރީން ކަމަށާއި، ކުޅިވަރުގެ މައިދާނުގައި ދިވެހި އަންހެން ކުޅުންތެރީން ހާސިލުކުރާ އަރުތަ ގިނަގުނަކަން ވެސް ފާހަގަކުރައްވާފައިވެއެވެ.
އެ މަނިކުފާނު ވަނީ މިއީ ދިވެހި ގައުމުގެ ކުރިމަގަށް އޮތް ހެޔޮ ފާލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.