ރާއްޖެ

ޣައްޒާ އާރާސްތުކުރުމަށް އަރަބި ގައުމުތަކުން ހުށަހަޅައިފައިވާ މަގުޗާޓަށް ރާއްޖެއިން ތާއީދު

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ބޭއްވި އެކްސްޓްރާއޯޑިނަރީ ސެޝަންގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންނެވިއެވެ.

 

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ފޮރިން މިނިސްޓަރުންގެ ފެންވަރުގައި މި ސެޝަން ބާއްވާފައި މިވަނީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ކުށްވެރިކޮށް ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތަކާ ދެކޮޅަށް އަޑުއުފުލުމަށެވެ.

 

މި ބައްދަލުވުމުގައި ޑރ. ޚަލީލު ވަނީ އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެފައިވާކަން ފާހަގަކުރައްވާ، މެދުކެނޑުމެއްނެތި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ކުށްވެރިކުރައްވާ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

 

މީގެއިތުރުން ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތައް ކުށްވެރިކޮށް، ޣައްޒާގެ ހުރިހާ ސަރަހައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ގޮވާލެއްވިއެވެ. އަދި އަރަބް ލީގް ސަމިޓްގައި ފާސްކުރި ޣައްޒާ އާރާސްތުކުރުމުގެ މަގުޗާޓަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.

 

ހަމަމިއާއެކު ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ. އަދި ފަލަސްތީނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއެޅޭ ގޮތަށް އިސްރާއީލުން ހިންގަމުންދާ ޢަމަލުތަކާ ގުޅިގެން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވެ، އެ ކޯޓަށް ބަޔާނެއް ހުށަހެޅިކަން ފާހަގަކުރެއްވިއެވެ.

 

ފޮރިން މިނިސްޓަރު ވަނީ މި ހަނގުރާމައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރެވުމުންކަމުގައި ތަކުރާރުކުރައްވާފައެވެ.

 

އޯ.އައި.ސީ. އަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްތީނުގެ ހައްގުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމުއިއްޔާއެކެވެ. ރާއްޖެ އަކީ 1976 ވަނަ އަހަރު މި ޖަމުއިއްޔާގެ މެމްބަރަކަށް ވުމަށްފަހު މި ޖަމުއިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ގައުމެކެވެ. 

 

 

ކޮމެންޓް