ރާއްޖެ

މުސީބާތުން ސަލާމަތްކުރައްވާނީ ދުޢާގެ ޢަމަލުގެ ސަބަބުން: ޑރ. ޝަހީމް

މުސީބާތުން ސަލާމަތްކުރައްވާނީ ދުޢާގެ ޢަމަލުގެ ސަބަބުން ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ މި ރަމަޟާން މަހަށް ޙާއްސަކޮށް ޕީއެންސީން ފަށާފައިވާ ސިލްސިލާ ދަރުސް ޕްރޮގްރާމްގެ ފުރަތަމަ ޕްރޮގްރާމްގައި ދެއްވި ދަރުހުގައެވެ.

 

މި ދަރުހުގައި މިނިސްޓަރު ވިދާޅުވީ އިންސާނާގެ ހިތަކީ އެއް ހާލަތުން އަނެއް ހާލަތަށް ފަސޭހައިން ޝުއޫރުތައް ބަދަލުކޮށްލާ އެއްޗެއްކަމަށާއި މާތް ﷲއަށް ކިޔަމަންވެގަތުމާއި، މާތް ﷲ ލޯބިވޮޑިގެންވާ ގޮތުގައި އިންސާނާގެ ހިތް ލެއްވުމަށް އެދި އަބަދުމެ ދުޢާކުރުންމަތީ ދެމިތިބެންޖެހޭކަމަށެވެ.

 

މީގެއިތުރުން މާތްﷲ ހަނދުމަކޮށް ދުޢާކުރުމަކީ އެކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާ ސިފަކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އެއީ ވަރަށް މުހިންމު އަޅުކަމެއްކަން ވެސް ފާހަގަކުރައްވާފައެވެ.

 

" ދުޢާކުރުންމަތީ ދެމިތިބުމުން ލިބެނީ ކެތްތެރިކަމުގެ ރިވެތި ފިލާވަޅު."

 

މީގެއިތުރުން މުސީބާތުގެ ވަގުތުގައި ކޮންމެ މުއުމިނަކު މުސީބާތުން ސަލާމަތްކުރައްވާނީ ދުޢާގެ ޢަމަލުގެ ސަބަބުން ކަމަށާއި އިޚްލާސްތެރިކަމާއެކު ކޮށްފިނަމަ، ކޮންމެ މުއުމިނެއްގެ ދުޢާ އިޖާބަކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކީރިތި ގުރްއާނުގައި ރޯދަޔާއި ގުޅުންހުރި އާޔަތްތަކުގައި އެކަން ވަރަށްރަގަޅަށް ބަޔާންކުރައްވާފައިވާކަމަށް ވެސް ވިދާޅުވިއެވެ.


ކޮމެންޓް