ރޯޔަލް އައިލެންޑް ރިސޯޓުގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ބައްދަލުކުރައްވާފައި ނުވާކަަމަށް ވިލާ ގްރޫޕްގެ ޗެއަރމަން ގާސިމް އިބްރާހިމް ދޮގުކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ "ދިޔަވަރު.ކޮމް" ނަމަކަށް ކިޔާ ނޫހުގައި "ސުޕްރީމްކޯޓު ފަނޑިޔާރުންނާއި ދެކޮޅަށް ރޭވި ސިއްރު ރޭވުން" މި ނަމުގައި ލިޔެފައިވާ އާޓިކަލަކާއި ގުޅިގެންނެވެ.
އެވާހަކަތައް ދޮގުކުރައްވާ ގާސިމް ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ ލިޔުންތައް ލިޔެ ޝާއިއުކުރާ މީހުންނަކީ މިފަދަ ދޮގު ޚަބަރު ފެތުރުމުގައި ހުރި ނުބައިކަމާއި، ފާފަވެރިކަން އެނގިތިބެ، މުޖުތަމައު ފަސާދަ ކުރުމުގެ ބޭނުމުގައި އެފަދަ ޢަމަލުތަައް ތަކުރާރުކޮށް ކުރާ މީހުން ކަމަށެވެ.
މީގެއިތުރުން ރޯޔަލް އައިލެމްޑު ރިސޯޓަކީ އަމިއްލަ ކުންފުނިން ހިންގާ ރިސޯޓެއް ނަމަވެސް އެތަނަށް ވަޑައިނުގަންނަވާތާ މިހާރު ތިން އަހަރު ވެދާނެ ކަމަށެވެ. އަދި އެންމެ ފަހުން އެރަށަށް ވަޑައިގެންނެވީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު އޮތް ށ. އަތޮޅު ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައިއިލެކްޝަން ގައި ކޮމަންޑޫ ދާއިރާއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ކަމަށެވެ.
މިއާޓިކަލްގައި ބަޔާންކޮށްފައިވާ މުޙަައްމަދު ޝިހާބުވެސް އަދި މިހާރުގެ އުއްތަމަ ފަނޑިޔާރުވެސް 2024 އަދި ހިނގަމުން މިދާ 2025 ވަނަ އަހަރުގެ މިހިސާބަށް ވެސް ރޯޔަލް އައިލަންޑް ރިސޯޓަށް އެއްވެސް ބޭނުމަކު ވަޑައިގެންފައި ނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
އެހެންކަމުން މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބާއި އެމަނިކުފާނުގެ އާއިލީ ބޭފުޅެއްކަމުގައިވާ މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އާއި، މިހާރުގެ މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޒިމު އާއި ގުޅުވައިގެން ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް އެއްވެސް ހަގީގަތެއް ނެތި ސިޔާސީ ބޭނުމުގައި ވަކި ބަޔަކު އޮންލައިން ނޫސްތަކުގައި ފަތުރާ އަދި ފަތުރަމުންދާ މިފަދަ ދޮގު ވާހަކަތައް ހުއްޓުވައި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެެވެ.
ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ، ހަގީގަތެއް ނެތް ދޮގުވާހަކަ ފަތުރާ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމުގެ ބޭނުމުގައި މުޖުތަމައު ފަސާދަ ކުރުމަށް އޮތް ލައިސަންސެއް ކަމަށް ދެކި، މިފަދަ ޢަމަލުތައް ތަކުރާރުކުރާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅިގެން ނޫނީ މިފަދަ ކަންކަން ހުއްޓުމަކަށް ނާންނާނެ ކަމަށް ވެސް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.