ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންގައި 32 ބިދޭސީން ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ހާމަކުރައްވާފައިވާގޮތުގައި މިއީ އިމިގްރޭޝަން ވޮޗަށް ލިބުނު ރިޕޯޓަކާއިގުޅިގެން ހިންގި ރެއިޑެއްގައި އަތުލައިގަތް މީހުންނެވެ. އެގޮތުން ޑެކް އަޅައިގެން ހަތަރު ފްލޯއަށް ހަދާފައިވާ މއ. ހިތިލާގެ 2އަށް ގިނަ އަދަދެއްގެ ގަނޑުކުރި މަހާއި ތަރުކާރީ އާއި ކާނާގެ އެހެނިހެން ބާވަތްތައް ސަޕްލައިކުރާ މަންޒަރު ވަރަށްގިނައިން ފެންނަ ކަމަށް ރިޕޯޓުކޮށްފައިވާކަމަށް އެ އިދާރާ އިން ވިދާޅުވެއެެވެ. އަދި ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ވެސް އެތަނަށް ގެންދާ ކަމަށް ރިޕޯޓުކޮށްފައިވާކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މެންދުރު ކާގަޑިއަށް ގިނަ އަދަދެއްގެ ބަތް ޕާރުސަލް ޑެލިވަރީކުރާ މަންޒަރާއި ގިނަ އަދަކަށް މީހުން ވަދެ، ނިކުންނަ މަންޒަރާއި ޑެލިވަރީ ކުރަން ބޭނުންކުރާ ސައިކަލުތައް އެތަނުގައި ހުންނަކަން ފާހަގަލކުރެވިފައިވާކަމަށް ވެސް ރިޕޯޓުކޮށްފައިވާކަމަށް ވިދާޅުވިއެވެ.
މި ރިޕޯޓާއިގުޅިގެން އިމިގްރޭޝަނުގެ އޮފިސަރުން އެ ގެއަށް ވަދެ ބެލިއިރު، މިއީ ކާބޯތަކެތި އުފެއްދުމުގެ މަސައްކަތްކުރާ އަދި ބިދޭސީން ނިދުމުގެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ތަކެއްކަން ފާހަގަކުރެވުނުކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
އެ އިދާރާ އިން ވިދާޅުވީ އެތަނުގައި 76 ބިދޭސީން ދިރިއުޅެމުން ދިޔަ ކަމަށާއި އެމީހުންގެ ލިޔެކިޔުންތައް ބަލައި، ފާސްކުރިއިރު، 32 ބިދޭސީންނަކީ ސައްހަ ވިސާ ނެތި ނުވަތަ ވަޒީފާ ދިން ފަރާތަށް ފިލައިގެން ދިރިއުޅެމުންދާ މީހުންކަން ފާހަގަވިކަމަށެވެ. އަދި އެމީހުން މިހާރުވަނީ އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފައި ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް މާލެ ސަރަހައްދާއި އަތޮޅު ތެރޭގައި ހާއްސަ އޮޕަރޭޝަންތަކެއް ގެންދަނީ ހިންގަމުންނެވެ. މިފަދަ އޮޕަރޭޝަންތަކުގައި ގިނައަދަދެއްގެ ބިދޭސީން ހައްޔަރު ވެސްކުރެއެވެ. އަދި ގަވާއިދުގެތެރެއަށް ވަނުމަށް ފުރުސަތު ވެސް ދޭއިރު، ބައެއް ފަރާތްތައް ރާއްޖެ ނާދެވޭގޮތަށް ދަނީ ޑީޕޯޓު ވެސް ކުރަމުންނެވެ.