މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރަން ލޯކަލް ގަވަރމެންޓް މިނިސްޓްރީން ނުކުންނަން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ކުރެއްވި ޕޯސްޓެއްގައެވެ. 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ މި މަސައްކަތަށް އެ މިނިސްޓްރީން ނުކުންނާނީ މާރޗު 8 (މާދަމާ) ކަމަށެވެ.
އެ މިނިސްޓްރީން މިކަންކުރަން ނިންމީ މާލޭގެ ކާނުތަކުން ފެން ހިނދުން ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ކަަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މި މަސައްކަތް ކުރުމަށް އެ މިނިސްޓްރީން ނުކުންނައިރު، މާލެ ސިޓީ ކައުންސިލުން ވެސް ގެންދަނީ މެދކެނޑުމެއްނެތި އެކަން ކުރަމުންނެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަތަކުގެ ތެރޭގައި ހިމެނޭ އެއް މައްސަލައެވެ. އެގޮތުން ވާރޭވެހޭ ކޮންމެ ފަހަރަކު މަގުތަކުގައި ފެންބޮޑުވެ، ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންނާއި ޕަބްލިކް ވާރކްސް ޔުނިޓުގެ މުވައްޒަފުން ނުކުމެ އޮންނަނީ ކުރަންޖެހިފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ މަތިން، ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ އެކި އިދާރާތަކުން މިހާރުވެސް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދާދި ފަހުން މާލޭ ސިޓީ ކައުންސިލުން ވަނީ 6 ޖީއެސްޓީސީ މޫވްމަންޓުގެ ދެ ޕަމްޕް ގެނެސް ބޭނުންކުރަން ފަށާފައެވެ.