ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަހަރު ބާއްވާ ފުރަތަމަ ފޯރަމް މިރޭ އޮންނާނެކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
އެ ޕާޓީން ބުނީ މިފޯރަމް އޮންނާނީ އެ ޕާޓީގެ މައި ހަރުގެ ކަމުގައިވާ ކޮންގްރެސް ހައުސްގައި ކަމަށެވެ. އަދި ފަށާނީ މިރޭ 9 ޖަހާއިރު ކަމަށެވެ.
''ރަމަޟާން މަހާއި ކީރިތި ޤުރްއާން'' މި މައުޟޫއަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ފޯރަމް ހުށަހަޅުއްވާދެއްވާނީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަަމަށް ވެސް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.
ޕީއެންސީން ވަނީ މި ފޯރަމްގައި ވިހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދިފައެވެ.
އެ ޕާޓީން އިހްޔާ ފޯރަމް ބާއްވާއިރު، އިސްލާމިކް މިނިސްޓްރީ އާއި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމުގެ 'މައުމޫން ފައުންޑޭޝަނުން' ވެސް ދަނީ އިހްޔާ ފޯރަމް ބާއްވަމުންނެވެ.