ރާއްޖެ

ރޯދައަށް ހުރުމުން މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތިންގެ އިހްސާސްތައް ދެނެގަނެވޭ

ރޯދައިގެ ޖިކުމަތްތަކުގެ ތެރޭގައި ހަރާމް ކަންތައްތަކާ ރޯދަވެރިޔާ ދުރުހެލިކުރުވުން ހިމެނޭ ކަމުގައި ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

 

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ދުވަހުގެ ހުތުބާ "ރޯދައިގެ ޙިކުމަތް" މި މައުޟޫއަށް ތައްޔާރުކޮށްފައިވާއިރު، ހުތުބާގައި ބުނީ ﷲގެ ރުހިވޮޑިގަތުން ހޯދުމަށާއި، އެކަލާނގެ ޢަޛާބުން މިންޖުވުމަށްޓަކައި ހަލާލު ކާބޯތަކެއްޗާއި، އޭނާއަށް ހަލާލު ކުރައްވައިފައިވާ، އަނބިފިރިކަމުގެ ގުޅުމާ އެކަހެރިވެ ހުންނަ ހުރުމުން، ﷲ ހަރާމްކުރައްވައިފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް، އޭނާއަށް ވަރުގަދަ ތަމްރީނެއް ލިބޭކަމަށެވެ.

 

އެހެންކަމުން ރޯދައަކީ އިންސާނާގެ ނަފުސު، ހެޔޮ ކަންކަމަށް ހާނުވައިދޭ، ތަރުބަވީ އަޅުކަމެއް ކަމަށާއި ރޯދައިގެ ހިކުމަތްތަކުގެތެރޭގައި، ނަފުސު އެދޭ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބުން ހިމެނޭ ކަމަށް ވެސް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އަދި ރޯދައިގެ ހިކުމަތްތަކުގެތެރޭގައި ރޯދަވެރިޔާގެ ކިބައިގައި ރަހުމާއި، ކުލުނު އުފެދުން ހިމެނޭކަމަށް ވެސް ބުންޏެވެ.

 

މީގެއިތުުރުން ރޯދައަށް ހުންނަ ހިނދު އިހްސާސްވާ ކަރުހިއްކުމާއި ބަނޑުހައިހޫނުކަމުގެ ސަބަބުން، މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަގީރުންނާއި މިސްކީނުންގެ އިހްސާސްތައް ދެނެގަނެވޭނެކަމަށާއި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އޭނާގެ ނަފުސު އެދި ގޮވާނެކަމަށް ވެސް ހުތުބާގައި ބުންޏެވެ. އަދި އެ ރިވެތި އަހްލާހީ ސިފަތަކުގެ ސަބަބުން، ރޯދަވެރިޔާގެ ނަފުސު ތާހިރުކޮށް ޒީނަތްތެރިކޮށްދޭކަން ހަނދުމަކޮށްދިނެވެ.

 

ހަމައެފަދައިން ދޮގުހެދުމާއި ޒުވާބުކުރުމާއި ހަޑިހުތުރު ބަސްތަކުން މީހުންނާ މުހާތަބުކުރުމާ އޭނާ އެއްކިބާކުރުވާ ކަަމަށް ވެސް ވަނީ ހަނދާންކޮށްދީފައެވެ.


ކޮމެންޓް