ރާއްޖެ

ކަނޑު މަގުން ރާއްޖެއެތެރެކުރަން އުޅުނު 400 ވޭޕް ކަސްޓަމްސްއިން އަތުލައިގެންފި

ކަނޑު މަގުން ރާއްޖެއެތެރެކުރަން އުޅުނު 400 ވޭޕް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

 

މިތަކެތި އަތުލައިގަނެފައިވަނީ މާލެ ކޮމާޝަލް ހާބަރަށް ގެނެސްފައިވާ ސީފްރައިޓް ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ.

 

މިގޮތުން، ޖެނެރަލް ކާގޯ ގެ ގޮތުގައި ކަސްޓަމްސްއަށް ޑިކްލެއަރކޮށްފައިވާ މި ޝިޕްމަންޓުގައި ހިމެނޭ މުދަލުގެ ތެރޭގައި ވޭޕް ސްޓިކް ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބެލިބެލުމުން 400 ވޭޕް ހިމެނޭ ޕެކޭޖެއްވަނީ އަތުލައިގަނެވިފައެވެ.

 

އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކަކީ ޤާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު)ގެ 2 ވަނަ ބާބު (ދުންފަތުގެ ބާވަތްތައް ގަނެވިއްކުމާއި، ދުންފަތް ހެއްދުމާއި ދުންފަތް އުފެއްދުން) ގެ 10 ވަނަ މާއްދާގެ 1 ގެ (ހ) ގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ތަކެއްޗެވެ. ކަސްޓަމްސްއިން ދަނީ މި މައްސަލަ އިތުރަށް ތަހްގީގު ކުރުމުންނެވެ.

 

 

ކޮމެންޓް