ރާއްޖެ

ވޯލްޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ

ދުނިޔޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމަށް ބޭއްވުނު ވޯލްޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓް 2025 ގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު ބައިވެރިވެވަޑައިގެން، މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

 

އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އެޑެޕްޓޭޝަން ހަރަކާތްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މިގޮތުން އެމަނިކުފާނުވިދާޅުވީ އެޑެޕްޓޭޝަން ހަރަކާތްތަކާއި، މާލީ އެހީތެރިކަމާއި، އަދި ސަރުކާރުތަކާއި ސަރުކާރު ނޫން ފަރާތްތަކާ ދެމެދު އޮންނަ ގުޅުންތަކަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމަށް ގަބޫލުކުރައްވާކަމަށެވެ.

 

މި ސަމިޓުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތީ "މަލްޓިލެޓަރަލިޒަމް އޮން ދަ ރޯޑް ޓު ކޮޕް 30 އެންޑް ކޮޕް 33" މި ނަމުގައި ބޭއްވުނު ޕެނަލް ޑިސްކަޝަނެއްގައެވެ.

 

މި ޕެނަލް ޑިސްކަޝަންގައި ޑރ. މުޢާވިޔަތު އިސްކަމެއް ދެއްވީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމަށެވެ. އަދި ކުރިއަށް އޮތް ކޮޕް 30 އާއި ކޮޕް 33 ގައި މި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް ވާހަކަ ދެއްކެވިއެވެ.

 

ވޯލްޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ސަރުކާރުތަކާއި، ޖަމްޢިއްޔާތަކާއި އަދި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމާއަތްތައް ބައިވެރިވިއެވެ.

 

މި ސަމިޓުގެ މައިގަނޑު މަގްސަދަކީ ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ.

 

 

ކޮމެންޓް