ރާއްޖެ

ސިޓީ ކައުންސިލުން ގަސް ކަނޑާތީ ރައީސް ނަޝީދު ކޯފާވެއްޖެ

މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުތަކުން ގަސް ކަނޑާތީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކޯފާވެއްޖެއެވެ.

 

ވިލިމާލޭގެ މަގުތަކުގައި ހުރި ގަސްތަކެއް ކައުންސިލުން ކަނޑާ ވީޑިއޯއެއް އާންމުންގެ މީހަކު މީސްމީޑިއާގައި އާންމުކޮށްފައިވާއިރު، އެކަަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވަނީ މާލެ މަގުތަކުން ގަސްތައް ކަނޑާ މައްސަލައިގައި މާލޭ ސިޓީ ކައުންސިލުގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

 

މީގެއިތުރުން މާލޭގެ މަގުތަކުގައި ހެދިފައި ހުންނަ ގަސްތައް ހިތުހުރި ގޮތަކަށް ކައުންސިލުން ކަނޑަމުންދަނީ ގާނޫނާ ހިލާފަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 

ވިލިމާލޭގައި ހުރި ގަސްތައް ކަނޑާ ސަބަބު ހާމަކުރައްވަމުން މާލެ ސިޓީ މޭޔަރ އާދަމް އާޒިމް ވިދާޅުވީ އެއީ އެ އަވަށުގެބަސް ރޫޓަށް ދާދިފަހުން ބަދަލު ގެނައުމުން ގަހުގައި ބަސް ޖެހި، އެ އުޅަނދުތައް ހަލާކުވާތީ ކަމަށެވެ. އަދި އެކަން ކުރީ އެމްޓީސީސީން އެދިގެން ކަމަށެވެ.

 

އާޒިމް ވަނީ ވިލިމާލޭގައި އައު ގަސްތަކެއް އަންނަހަފުތާގައި އިންދަވަނެކަމަަށް ވެސް ވިދާޅުވެފައެވެ.

 

ރައީސް ނަޝީދު މީގެކުރިން ވެސް ވަނީ އަމީނީ މަގުގައި ތާރު އަޅައިގެން އެ މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން އެ މަގުގައި ހުރި ގަސްތައް ކެނޑި މައްސަލައެއްގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި 2022 ވަނަ އަހަރުގެ އޮކްޓޯބަރ އެއްވަނަ ދުވަހު ވަނީ ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހަޅުއްވާފައެވެ.

 

އެއީ އޭރުގެ ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާންސްޓްރަކްޗަރ މިނިސްޓްރީ އާއި، އަމީނީ މަގު ހެދުމުގެ މަސައްކަތްކުރި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ދެކޮޅަށް ހުށަހެޅުއްވި މައްސަލައެކެވެ. އެހެންނަމަވެސް 2023 ވަނަ އަހަރުގެ މާރޗު 26 ގައި ރައީސް ނަޝީދު ވަނީ އެމައްސަލަ އަނބުރާ ގެންދަވާފައެވެ.

 

 

ކޮމެންޓް