ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
މިއީ ފަލަސްތީނު ރައްޔިތުން ވަޒަނުން ބޭރުކުރުމަށް ޔަހޫދީން ކުރާ މަސައްކަތާ ދެކޮޅަށް، އަރަބި އިސްލާމީ ގައުމުތަކުން ވަކާލާތުކުރުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި އެގައުމުގެ ވެރިރަށް ރިޔާދުގައި ބާއްވާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ( އޯއައިސީ) ގެ "އެކްސްޓްރާ އޯޑިނަރީ ސެޝަން އޮފް ދަ ކައުންސިލް އޮފް ފޮރިން މިނިސްޓަރސް" ގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެއިތުރުން ކަމާގުޅުންހުރި މުހިންމު އިތުރު ބައްދަލުވުންތަކުގައި ވެސް ބައިވެވެވަޑައިގަންނަވާނެއެވެ.
އޮގަޒައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންއަކީ އިސްލާމީ ގައުމުތަކަށް ކުރިމަތިވާ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ އެންމެ ބޮޑު ޖަމާއަތެވެ.
މިނިސްޓަރު މި ދަތުރުފުޅު ކުރައްވާއިރު، ފަލަސްތީނުގެ ޣައްޒާ އަލުން އާރާސްތު ކުރުމަށް މިސްރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ވެސް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފައެވެ. އަދި މިސްރުން ހުށައެޅާފައިވާ ޕްލޭނަކީ ޣައްޒާގެ ކަމާގުޅުންހުރި އިދާރާތަކުގެ ލަފާގެ މައްޗަށް ބިނާކޮށް، ކުރިއަށްގެންދާ މަސައްކަތަކަށްވާތީ، ޣައްޒާގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ބިމާއި ވަޒަނުގައި ރައްޔިތުން ބޭނުންވާފަދަ ދިރިއުޅުމެއް އާރާސްތުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.