ރާއްޖެ

ރަސްފަންނުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްފަންނަށް ޒިޔާރަތްކުރައްވައި، އެތަނުގެ މާހައުލަކީ ހިތްފަސޭހަ ތަނަކަށް ހެއްދެވުމަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ކުރައްވަމުންގެންދަވާ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.

 

ސަރުކާރުން މި މަސައްކަތް ފައްޓަވާފައިވަނީ، މިދިޔަ ފެބްރުއަރީ މަހުގެ 14 ވީ ހުކުރު ދުވަހު އެމަނިކުފާނު އެތަނަށް ކުރެއްވި ޒިޔާރަތުގައި ރަސްފަންނުގެ ހާލަތު ވަޒަންކުރެއްވުމަށްފަހު، އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތައް ގުޅިގެންނެވެ.

 

އެދުވަހު، ރައީސް ވަނީ ރަސްފަންނާއި ސަލްޓަންޕާކްގެ ހާލަތު ފެނިވަޑައިގެންނެވުމުން ހިތާމަކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި އެ ދެ ތަނަކީވެސް ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާވެރިކަން ލިއްބައިދޭ ދެތަން ކަމަށް ވުމާއެކު، އެ ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދެއްވައި އަދި ކުރިޔަށްވުރެވެސް އެދެތަން ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވާނެކަން އެމަނިކުފާނު އެދުވަހު ވަނީ ހާމަކުރައްވާފައެވެ.

 

ރައީސް މިއަދު ވަނީ މިހާތަނަށް ވަގުތީ ގޮތުން ރަސްފަންނު ބޭނުންކުރެވޭ ހާލަތަށް ގެނައުމަށް ކޮއްފައިވާ މަސައްކަތްތައް ބައްލަވާލައްވައި އެ މަސައްކަތާބެހޭ އެންމެފަހުގެ މައުލޫމާތު ހޯއްދަވާފައެވެ. އަދި މިއަދުން ފެށިގެން ވަގުތީގޮތުން ރަސްފަންނު ޢާންމުންނަށް ހުޅުވާލާއިރު، ރަސްފަންނުގެ މޫދުން ކިސަޑު ނަގައި ގޮނޑުދޮށުން ގިރައިގެންގޮސްފައިވާ ސަރަހައްދަށް މިހާރު ވަނީ އަލުން ދޮންވެލިލައި އެއްވަރުކޮށްފައެވެ.

 

މީގެއިތުރުން ވީރާނާވެފައި ހުރި ހަޓުތަކުގެ ފުރާޅާއި މޭޒާއި ގޮނޑިތައް އަލުން މަރާމާތުކޮށް، ހަލާކުވެފައި ހުރި ފެންވަރާ މާގަނޑުތައް ވަނީ ރަނގަޅުކޮށްފައެވެ. ރަސްފަންނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދިނުމަށް އިތުރަށް ކުރަންހުރި މަސައްކަތްތަކުގެ މަޢުލޫމާތު ހޯއްދަވައި، ރަސްފަންނަކީ ކުރިއަށްވުރެ ފުރިހަމަ ތަނަކަށް ހެއްދެވުމަށް ކަމާގުޅޭ އިދާރާތަކަށް އެމަނިކުފާނު އިރުޝާދު ދެއްވިއެވެ.

 

އެގޮތުން މި ރަމަޟާން މަސް ނިމުމާއެކު ރަސްފަންނު ބޭނުންކުރާ ފަރާތްތަކަށް ފާހާނާ ބަރިއެއް ގާއިމުކުރުމާއެކު މަސްބޭނުމަށް މިހާރުވެސް ބޭނުންކުރަމުންދާ ޕްލެޓްފޯމްގެ އާބާތުރަފިލުވައި އަލުން ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަސްފަންނާއި ސަލްޓަންޕާކަށް ދާއިމީ ހައްލުތަކެއް ގެނައުމަށް އަލުން ތަރައްޤީ ކުރުމުގެ ޕްލޭންތަކެއް ހެދުމުގެ މަސައްކަތް ސަރުކާރުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.


ކޮމެންޓް