ރާއްޖެ

ތިމާގެ ފަރިތަކަމަށްވުރެ އަނެކާގެ ނުފަރިތަކަމަށް ބަލައިގެން އެއްގަމު އުޅަނދު ދުއްވާ: ފުލުހުން

ތިމާގެ ފަރިތަކަމަށްވުރެ އަނެކާގެ ނުފަރިތަކަމަށް ބަލައިގެން އެއްގަމު އުޅަނދު ދުއްވުމަށް ފުލުހުން އެދިއްޖެއެވެ.

 

ފުލުހުން މިފަދައިން އެދިލެއްވީ އަމާން ރައްކާތެރި މާހައުލެއް ދަމަހައްޓަން ކުރަމުންގެންދާ މަސައްކަތުގެ ދަށުންނެވެ.

 

އެގޮތުން މި ރަމަޟާން މަހުގެ ހާއްސަ އޮޕަރޭޝަންގެ ދަށުން މުޖުތަމައު ރައްކާތެރިކޮށް، އަމާން ރައްކާތެރި މާހައުލެއް ދަމަހައްޓާ ދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވަނީ ވިދާޅިވެފައެވެ. އަދި އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން މި ރަމަޟާން މަހަކީ އަމާން އަދި ރައްކާތެރި މަހެއްގެ ގޮތުގައި ދަމަހައްޓަން މަސައްކަތް ކުރުމަށް އާންމު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައި ވެއެވެ.

 

ރޯދަމަހު މާލޭގައި ޓްރެފިކް އެންމެ ބާރު ބޮޑުވާ ސަރަހައްދުތަކުގައި ޓްރެފިކް މެނޭޖްކުރުމުގެ މަސައްކަތް ފުލުހުން އަބަދުވެސް ކުރަމުންދެއެވެ. އެގޮތުން މިއަހަރު ރަމަޟާން މަހުވެސް ހާއްސަ އިސްކަމެއް ދީގެން ބާޒާރުމަތި ސަރަހައްދުގެ ޓްރެފިކް މެނޭޖްކުރުމުގެ މަސައްކަތް އަންނަނީ ރެއާއި ދުވާލު ބަލަހައްޓަމުންނެވެ.

 

ބާޒާރުމަތީ ފިހާރަތަކާއި ބޯޓު ފަހަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ފަށާފަވާއިރު، މާލެ ސަރަހައްދުގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ.

 

އެގޮތުން މާލެއާއި ހުޅުމާލެ ހިމެނޭހެން މަގުތައް ޕެޓްރޯލްކުރުމާއި، އަދި ދުއްވާ އުޅަނދުތަކަށް ފަސޭހަކުރުމަށް ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް ވަނީ ގެންނަވާފައެވެ. އެގޮތުން މިދިޔަ މަހުގެ 15ވަނަ ދުވަހުން ފެށިގެން ބާޒާރު މައްޗަށް ވަކި ޓީމެއް ކަނޑައަޅައިގެން ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމާއި، ޕޭމަންޓާއި ޕޭމަންޓްމަތީގަ އާއި ޒޯންތަކުގައި ކުނި ބަހައްޓަފައި ހުރި ފަރާތްތަކަށް ނަސޭހަތްދިނުން ފަދަ ކަންކަން ރޭވުންތެރިކަމާއެކީ ފުލުހުން އަންނަނީ ކުރަމުންނެވެ.

 

އާންމު ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ފުލުހުންގެ މައްޗަށް ލާޒީމްވެފައިވާ ކަމަކަށްވާއިރު މާލޭގެ ބޮޑެތި މަގުތަކުގެ އިތުރުން ބްރިޖާއި ހައިވޭ ސަރަހައްދު އަދި ހުޅުމާލޭގައިވެސް ބާރުބޮޑުވާ ގަޑިތަކުގައި ޓްރެފިކް ފްލޯ ފުލުހުން އަންނަނީ ބަލަހައްޓަމުންނެވެ.

 

ފުލުހުންގެ މި މަސައްކަތަކީ ކާމިޔާބު މަސައްކަތެއްގެ ގޮތުގައި ހެދުމަށް ފުލުހުން އާންމުގެ ކިބައިން އެދެނީ ތިމާގެ ފަރިތަކަމަށްވުރެ އަނެކާގެ ނުފަރިތަކަމަށް ބަލައިގެން އެއްގަމު އުޅަނދު ދުއްވުމަށާއި ފުލުހުންގެ އަމުރަށް ރައްޔިތުން ކިޔަމަންވުމަށެވެ. އަދި ހެދިފައިވާ ގަވާއިދުތަކަށް ރައްޔިތުން ބޯލެނބުމަށެވެ.


ކޮމެންޓް