ރާއްޖެ

ރެހެންދި ސްކޫލުގައި ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމުތައް ހަމަޖައްސައިފި

ހުޅުމާލެ ފޭސް 1ގެ ރެހެންދި ސްކޫލް ހޯލްގައި ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމުތައް ހަމަޖައްސައިފިއެވެ.

 

ހޯމް މިނިސްޓްރީން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ ވަޒީފާދޭ ފަރާތްތަކާ ގާތުން އަދި އަވަހަށް ކުރަނގި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި މާރޗު 6 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތް ދުވަހު، (ހުކުރު ދުވަސް ފިޔަވައި) ރޭގަނޑު 9:30 ން ދަންވަރު 12:30 އަށް ހުޅުމާލެ ފޭސް 1ގެ ރެހެންދި ސްކޫލް ހޯލުގައި ބައޯމެޓްރިކްސް ނެގުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށެވެ.

 

ރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހާ ބިދޭސީންގެ ބައޯމެޓްރިކްސް (ފިންގަރޕްރިންޓް އަދި ފޮޓޯ) އަޕްޑޭޓްކުރުމަށް އެން.ސީ.އައި.ޓީ ގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރާއި ނޯތު ހާބަރު ސަރަހައްދުގައި ގާއިމްކޮށްފައިވާ ޑެސްކާއި ކަލާފާނު ސްކޫލް ހޯލްގައި ބައޯމެޓްރިކްސް ނެގުމަށް މާރޗު 9 ން ފެށިގެން ޝައްވާލު މަހުގެ ހަތް ދުވަހު، (ހުކުރުދުވަސް ފިޔަވައި) ހެނދުނު 9:30 ން ހަވީރު 4 ޖަހަންދެން އަދި ރޭގަނޑު 9:30 ން 11:30 އަށް ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

 

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.

 

ގްރޭޓަރ މާލެ ސަރަޙައްދުގައި މަސައްކަތް ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، ވަޒީފާ ދޭ ފަރާތްތަކަށް ހޯމް މިނިސްޓްރީން އެންގީ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ.

 

ރިޒޯޓްތަކާއި ސަފާރީތަކާއި، ދަނޑުވެރިކަން ކުރުމަށް ހާއްސަކޮށް ދޫކޮށްފައިވާ ރަށްރަށުގައާއި އެހެނިހެން ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް މިއަހަރުގެ އޭޕްރީލް 15 ވަނަ ދުވަހުގެ ކުރިން އެން.ސީ.އައި.ޓީ ގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރ ނުވަތަ އެ ބިދޭސީ މުވައްޒަފަކު ވަޒީފާއަދާކުރާ ސައިޓަކާއި އެންމެ ކައިރީގައިވާ ކައުންސިލް އިދާރާއަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

 

މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލުމަށް މިހާރު ވަނީ ނިންމާފައެވެ.

 

 

ކޮމެންޓް