އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިހްޔާ ފޯރަމް ސިލްސިލާގެ ދެވަނަ ފޯރަމް މިރޭ އޮންނާނެއެވެ.
ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް ބާއްވާ މި ފޯރަމް އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. "އަޙުޒާބު ހަނގުރާމަ އަދި އެއިން ލިބޭ ޢިބްރަތްތައް" މި މައުޟޫއަށް މިރޭ ތަގްރީރު ކުރައްވާނީ ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާންއެވެ.
މި ފޯރަމް ވެސް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 9:30 ގައެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް އިހްޔާ ފޯރަމްއަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއް ވަނައަށް ދާ ފަރާތަކަށް 1500 ރުފިޔާގެ ގިފްޓު ކާޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދެވަނައަށް 1000 ރުފިޔާގެ ގިފްޓު ކާޑެއް، ތިންވަނައަށް ދާ ފަރާތްތަކަށް 700 ރުފިޔާގެ ގިފްޓު ކާޑެއް އަދި ހަތަރުވަަނައަށް 500 ރުފިޔާގެ ގިފްޓު ކާޑެއްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ ބީއެމްއެލް އިސްލާމިކްއިން ހުށައަޅާފައިވާ ގިފްޓް ކާޑެވެ.
މީގެއިތުރުން އިސްލާމިކް މިނިސްޓްރީން އިނާމެއްގެ ގޮތުގައި ރިޔާޟުއްޞާލިޙީން އަދި ފިޤުޙުއްސުންނާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި އިނާމުތައް ދެނީ އަންހެން އަދި ފިރިހެން ވަކިންނެވެ.
މި ރަމަޟާން މަހު މާލޭގައި 8 އިހްޔާ ފޯރަމް، އަދި އަތޮޅުތެރޭގެ 7 ރަށެއްގައި އިހްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި 6 ސްކޫލްއަކާއެކު ދަރިވަރުންގެ އިހްޔާ ފޯރަމްވެސް މިއަހަރު އޮންނާނެއެވެ.