ރާއްޖެ

ދިވެހި ގައުމިއްޔަތުގެ މާނަތައް އަލުން މިވަނީ ހަރުލައްވަން ޖެހިފަ: ރައީސް

ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ އަޒުމަކަށް ވާންވީ އިސްލާމްދީނުގެ ރިވެތި އުސޫލުތަކަށް ޢަމަލުކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ގަދަރުކުރާ މީހަކަށްވުމުގެ އަޒުމު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ގައުމީ ފެންވަރުގައި މިއަދު ފާހަގަކުރާ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތާބުގައެވެ.

 

އެ ހިތާބުގައި ރައީސް ވަނީ އޭރުން ރޫހާނީ ގޮތުންނާއި ނަފުސާނީ ގޮތުން ތާހިރުކަން ލިބުމާއެކު މަސައްކަތްތެރި މުރާލި ހުނަރުވެރި ތަހުޒީބު މީހަކަށް ވެވޭނެކަމަށް ވެސް ވިދާޅުވެފައެވެ. އަދި ދިވެހީންގެ ތެރޭގައި މިއަދު ދިވެހި ގައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

 

އެކަމަށްޓަކައި މި ޒަމާނުގައި ބޭނުންވަނީ އިލްމީ ހަމަތަކެއް ކަމަށާއި މާތް ﷲ ގެ އިރާދަފުޅާއެކު އިލްމީ ހަމަތަކުގެ މަތިން ދިވެހި ގައުމިއްޔަތު އުނގަންނައިދެވި، ދިވެހީންގެ ތަޖުރިބާތަކާއި ހުނަރުތައް ފަހަށް ރައްކާކުރެވެމުންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

 

ހަމައެހެންމެ، ދިވެހީންގެ ތަރިކަތައް ޒަމާނީ ޓެކްނޯލޮޖީއާއި އިގްތިސާދީ ވިސްނުން ޝާމިލުކޮށްގެން، ދެމެހެއްޓެމުން ބެލެހެއްޓެމުންދާނެ ކަމަށާއި މާތްވެގެންވާ އިސްލާމްދީން މެދުވެރިކޮށް ދިވެހީންގެ ސަގާފަތް އަބަދުވެސް އިސްލާހުކުރެވެމުން، ނުރަނގަޅު ދޮރުތައް ބަންދުކުރެވެމުން، ރަނގަޅު ކަންކަމަށް ތަރުހީބު ދެމުން ކުރިޔަށް ދާނެ ކަމުގައި ވެސް ވިދާޅުވިއެވެ.

 

މީގެއިތުރުން ގައުމެއްގެ ގޮތުގައި ބަޔަކު ދިރިއުޅޭއިރު، އެ ބަޔަކު ހެޔޮނުބައި ކަނޑައަޅަން ބޭނުންކުރާ މިންގަނޑެއް އޮންނަކަން ފާހަގަކުރައްވާ ރައީސް ޑރ. މުއްިޒު ވަނީ އެ މުޖުތަމައެއްގެ ސަގާފަތާއި އާދަކާދަތައް ބައްޓަންވެގެންދާނީ އެ ބަޔަކު ގަބޫލުކުރާ ހަމަތަކެއްގެ މަތީން، ނުވަތަ އެ ބަޔަކު ދުނިޔެދެކޭ ގޮތެއްގެ މަތީން ކަމުގައި ހިތާބުގައި ވިދާޅުވެފައެވެ.

 

ހެޔޮނުބައި ކަނޑައެޅުމަށް ދިވެހީން ބޭނުންކުރާ މިންގަނޑަކީ މާތްވެގެންވާ އިސްލާމްދީންކަން ފާހަގަކުރައްވައި، ވިދާޅުވީ ދިވެހީން އިސްލާމްދީން ބަލައިގަތުމަކީ ދިވެހި ގައުމިއްޔަތަށް އައި އެންމެ ހެޔޮ އިންގިލާބު ކަމުގައެވެ.

 

 

ކޮމެންޓް