އައްޑު ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް އިހުތިޖާޖުކުރުން ނޫންގޮތެއް ނެތް ކަމުގައި އެސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 32 ވަނަ މާއްދާއިން އެއްވެއުޅުމުގެ މިނިވަންކަމާއި 31 ވަނަ މާއްދާއިން ހަޅުތާލު ކުރުމުގެ މިނިވަންކަން ލިބިދޭ ކަމަށެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުން ކަރަންޓުގެ އަސާސީ ހައްގުން މަހްރޫމުކޮށްފައިވާއިރު، އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރު އިހުމާލުވެފައި ވާކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން އެ މައްސަލަ ހައްލު ކުރުމަށް، ކަމާއިގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާގޮތަކަށް މަސައްކަތް ކުރަމުން ނުދާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެސީޓިގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގު ލިބި ގަތުމަށް އިހްތިޖާޖް ކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
މި ރަމަޟާން މަހު ވެސް އެސިޓީގެ އެކި ރަށްރަށުން ކަރަންޓް ކެނޑެމުން އަންނައިރު، އެކަން ހައްލުކުރުމަށް އައު ޖަނަރޭޓަރެއް އައްޑުއަށް ގެންދަން ފެނަކައިން ނިންމާފައިވާކަން މިހާރުވަނީ ހާމަކުރައްވާފައެވެ.
މިދިޔަ ފެބްރުއަރީ މަހުވެސް ފެނަކައިން ވަނީ އައްޑޫއަށް 1.8 މެގަވޯޓުގެ ޖެނަރޭޓަރު ސެޓެއް ގެންގޮސްފައެވެ. އަދި މި ޖެނެރޭޓަރ ސެޓު އިންސްޓޯލުކޮށް، އޭގެ ބޭނުން މިހާރު އެ ސިޓީގައި ދަނީ ކުރަމުންނެވެ. މި ޖެނެރޭޓަރު ގެންދިއުމަށްފަހު އޭރު ފެނަކައިން ބުނީ މީގެ ސަބަބުން އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދޭނެ ކަމަށެވެ.
އެހެންނަމަވެސް އަދާއިހަމައަށް ވެސް އެ މައްސަލައަށް ހައްލެއް ލިބިފައެއް ނުވެއެވެ.