އިސްލާމް ދީނަކީ ޚިޔާލުފާޅުކުރުމުގެ އުސޫލަށް ވަރަށް ބޮޑަށް ތާއީދުކުރާ ދީނެއް ކަމަށާއި އިސްލާމް ދީނުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އިންތިހާއަށް އެބަ އޮތްކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މައުމޫން ފައުންޑޭޝަނުން ބޭއްވެވި ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ އިސްލާމް ދީނުގައި ތަފާތު މަޒުހަބުތައް އުފެދިފައި އޮތީ ވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތްލެއް ބޮޑުކަމުންކަމުގައެވެ. އެހެންނަމަވެސް ހިޔާލު ފާޅުކުރުން ތަފާތު ވިޔަސް ބައިބައިވުން އުފެދިގެން ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން އިސްލާމް ދީނުގެ ވަރުގަދަ އަސާސަކީ މުސްލިމުންނަކީ އަޚުންތަކެއްކަމުގައިވާކަން ކަމަށާއި އިސްލާމް ދީނުގެ ކޮންމެ އަޅުކަމަކީ ވެސް ވަރަށް މަތިވެރި އަޅުކަމެއްކަން ފާހަގަކުރެއްްވިއެވެ. އަދި އެއިން ލިބޭ ފައިދާތައް ވަރަށް ބޮޑުވާނެކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ އެ އަޅުކަންތައް ދޫކޮށްލައިފިއްޔާ އެއިން ލިބޭ ގެއްލުން އެހައިމެ ބޮޑުވާނެ ކަމަށާއި ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނަށް ލިބިދޭ އެންމެ ވަރުގަދަ ވަސީލަތަކީ އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބަނޑުއެއްބަފާކަންކަމާއި މުސްލިމުންނަކީ އަޚުންތަކެއްކަމުގައި ވާކަން ކަމުގައެވެ.
އެގޮތުން އެއް މުސްލިމަކު އަނެއް މުސްލިމަކަށް ކަމޭހިތަންވާނެ ކަމަށާއި ހެޔޮ އެދެންވާނެކަން ހަނދުމަކޮށްދީ ލޯބިވާންވާނެކަމަށާއި ހެޔޮ ގޮތުގައި މުއާމަލާތު ކުރަންވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަމަޟާން މަހަކީ އަޅުގަނޑުމެންގެ ގުޅުންތައް ބަދަހިކުރުމަށް އަހަރަކު އެއް ފަހަރު ލިބޭ ފުރުސަތެއް ކަމަށާއި މިފުރުސަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ކުރަން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ.