ރާއްޖެ

ހުޅުމާލޭގައި އަލަށް ބިނާކުރާ މިސްކިތުގެ ބިންގާ ރައީސް އަޅުއްވާދެއްވައިފި

މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ رضی اللہ عنھاގެ ބިންގާ އަޅައިފިއެވެ.

 

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ވަގުތީ މިސްކިތް ކުރިން ހުރި ބިމުގައި ބިނާކުރާ މި މިސްކިތުގެ ބިންގާ އަޅުއްވާދެއްވީ މިކަމަށްޓަކައި މާރޗު 5 ވަނަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

 

މަދީނާ އިންވެސްޓްމަންޓްގެ މެނޭޖްމަންޓުގެ ދަށުން އިމާރާތްކުރާ މިސްކިތަކީ، މ. ޠައިބާ ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދުގެ ދީލަތި އެހީގައި ބިނާކުރެވޭ މިސްކިތެކެވެ. ދެ ފަންގިފިލާއަށް ޢިމާރާތްކުރާ، ދެހާސް މީހުންގެ ޖާގައިގެ މި މިސްކިތް ނިސްބަތްކުރެވިފައިވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން ޢާއިޝަތުގެފާނަށެވެ. 

 

ރިސަރޗް ލައިބްރަރީއަކާއެކު ބިނާކުރާ މި މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރެވޭ ޖާގައަކާއި، އަންހެނުންނަށް ހާއްސަ ފާޚާނާއެއް ވެސް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މިސްކިތުގައި ކަރަންޓު އުފެއްދުމަށް ނިންމާފައިވަނީ، އިރުގެ ހަކަތަ ބޭނުންކޮށްގެންނެވެ.

 

މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދާއި އެމަނިކުފާނުގެ ޢާއިލާގެ މެންބަރުންނާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގަތެވެ.

 

 

ކޮމެންޓް