ރާއްޖެ

މިޔަންމާ މައްސަލައިގައި ރާއްޖެއިން ލިޔުމުން އޮބްޒަރވޭޝަން ހުށަހަޅައިފި

ގެމްބިއާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭގެ ފަރާތުން ލިޔުމުން އޮބްޒަރވޭޝަން ހުށަހަޅުއްވައިފިއެވެ.

 

މިޔަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާ ގުޅިގެން ހުށަހެޅި މި މައްސަލައަށް ތަދައްޚުލްވާން ރާއްޖޭން ހުށަހެޅުމުން އައިސީޖޭން ވަނީ އެ ހުށަހެޅުން ބަލައިގެންފައެވެ.

 

"އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)" މައްސަލައިގައި ރާއްޖޭން ތަދައްޚުލްވެ، އޭޖެންޓެއް ގޮތުގައި ކަނޑައަޅުއްވާފައިވަނީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއެވެ. އޭޖެންޓުގެ ހައިސިއްޔަތުން ރާއްޖެއިން ލިޔުމުން ހުށަހަޅާ އޮބްޒަރވޭޝަންސް، މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އައިސީޖޭއަށް ހުށަހަޅުއްވާފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

 

މި ޢަމަލުތަކާ ގުޅިގެން ގެމްބިއާ އިން މިޔަންމާއާ ދެކޮޅަށް އައިސީޖޭއަށް މައްސަލަ ހުށަހެޅީ 11 ނޮވެންބަރު 2019 ގައެވެ. ރާއްޖެއިން މި މައްސަލައަށް ތަދައްޚުލުވުމަށް އެދި ހުށަހެޅި ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން ފައިބެއަހަރުގެ ފެބްރުއަރީ 3 ގައި އައިސީޖޭއިން ބަލައިގަނެ، ތަދައްޚުލުވާ މައުޟޫއާ ގުޅޭގޮތުން ލިޔުމުން އޮބްޒަރވޭޝަންސް ހުށަހެޅުމަށް ވަނީ ދައުވަތު ދީފައެވެ.

 

މި މައްސަލައަށް ތަދައްޚުލުވާ ފަރާތެއްގެ ދައުރާ އެއްގޮތްވާ ގޮތުގެމަތިން ރާއްޖޭގެ އޮބްޒަރވޭޝަންސްގައި އަލިއަޅުވާލާފައިވާނީ، ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާގެ މާއްދާތަކުގެ މާނަކުރުމަށް ކަމަށް ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވިއެވެ.

 

ވަކިން ހާއްސަކޮށް، އެ މުއާހަދާގެ 1، 4، 5، އަދި 6 ވަނަ މާއްދާތަކުގެ ދަށުން "ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް" މާނަކޮށްފައިވާގޮތަށް އަލިއަޅުވާލާފައިވާނެކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ. 

 

 

ކޮމެންޓް