ރާއްޖެ

އިސްރާފްކުރުމުގައި ހިމެނެނީ ހަމައެކަނި ކާބޯތަކެއްޗެއް ނޫން

އިސްރާފްކުރުމުގައި ހިމެނެނީ ކާބޯތަކެތި އެކަނި ނޫންކަމަށާއި އެކި މުނާސަބުތަކާ ގުޅިގެން ފަރުނީޗަރު ފަދަ ތަކެތި އާކުރާއިރު، ބޭނުން ހިފޭ ތަކެތިވެސް އިސްރާފުވާގޮތަށް އުކާލާކަން ފާހަގަކުރެވޭކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ގދ. ގައްދޫގައި ކުރިއަށް ގެންދިޔަ އިހްޔާ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

 

"ނުރަނގަޅު އާދަތައް ދޫކުރުން" މި މައުޟޫއަށް ވާހަކަ ދައްކަވަމުން އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން ވިދާޅުވީ އިސްރާފް ކުރުމަކީ މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ އިޖްތިމާއީ އަދި އިގްތިސާދީ ބަލިމަޑުކަމެއް ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ.

 

އަހަރުގެ އާންމު މަސްތަކުގައި ކާބޯތަކެތި ތިން އިރަށް ތައްޔާރުކުރާވަރަށް ރޯދަމަހު ރޯދަ ވީއްލުމަށް އިސްރާފު ވާވަރަށް ކާބޯތަކެތި ތައްޔާރުކުރާކަމަށާއި އެހެންކަމުން ވީހާވެސް އިސްރާފު ކުޑަކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

 

"ރޯދަމަހަކީ ހަމައެކަނި ކެއުން ބުއިމަށް އަހައްމިއްޔަތުކަން ދޭ މަހަކަށް ނުހަދައި، މި މާތް މަހުގައި އަޅުކަންތަކަށް އިތުރު ސަމާލުކަމެއްދީ."

 

މި ފޯރަމްގައި ދޮގު ވާހަކަ ފެތުރުމާއި މުދަލަށް ހިޔާނާތްތެރިވުމުގެ ނުބައިކަމުގެ މައްޗަށް ވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ދޫ ރައްކާތެރިކޮށް، ދޮގު ވާހަކަތައް ނުފެތުރުމަށް އެދިވަޑައިގެންފައި ވެއެވެ.

 

އިސްލާމިކް މިނިސްޓްރީން މި ރަމަޟާން މަހު މާލޭގައި އިހްޔާ ފޯރަމް 8 ޕްރޮގްރާމާއި އަތޮޅުތެރޭގެ 7 ރަށެއްގައި އިހްޔާ ފޯރަމް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަތޮޅުތެރޭގެ އިހްޔާ ފޯރަމް އޮންނާނީ ގައްދޫ، ހދ. ނާވައިދޫ، ތ. ގުރައިދޫ، ފުވައްމުލަކު ސިޓީ، ހއ. ބާރަށް، ނ. މަނަދޫ އަދި ރ. މީދޫގައެވެ.

 

މިއަހަރުވެސް އިހްޔާ ފޯރަމްތަކަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

 

 

ކޮމެންޓް