ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ މާރިޗް 4 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރުއެވެ.
ކަސްޓަމްސް އިން ވިދާޅުވީ މިތަކެތި ފެނުނީ އެ ޕެކޭޖުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ޗެކްކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން ބަލާފާސްކުރެވުނު ޕެކޭޖުގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް (Cannabis) އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވެއެވެ.
މި ތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 1.070 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 856,000 (އަށް ލައްކަ ފަންސާސް ހަ ހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ހާމަކުރައްވާފައެވެ.
މި މައްސަލަ އިތުރަށް ތަހްގީގުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މި ޕެކޭޖް ބަލާ ކަސްޓަމްސްއަށް އައި، 52 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކޮށްފައި ކަމަށް ވެސް ވިދާޅުވެއެވެ.